ޚަބަރު

ސޯސަންވިލާގެ އަހަރީ ދުވަހު ޚާއްސަ ހަރަކާތްތަކެއް ބާއްވަނީ


އަވައްޓެރި ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމް.އީ.ސީ.ސީ)ގެ 8ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނުވަތަ ސޯސަންވިލާގައި ޚާއްސަ ހަރަކާތްތަކެއް ބާއްވަން އެ ސެންޓަރުން ތައްޔާރުވާން ފަށައިފިއެވެ.

ސޯސަންވިލާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުން އަހަރީ ދުވަހު ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ލަންކާގައި ދިރިއުޅޭ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތާކާއި، ހޭންޑްބޯލް މުބާރާތެއްގެ އިތުރުން އާއިލީ ހަވީރެއްވެސް އޮންނާނެއެވެ. އާއިލީ ހަވީރުގައި ތަފާތު ކުޅިވަރުތައްވެސް ވަނީ ރާވާފައެވެ.

ސޯސަންވިލާއިން ވަނީ އަހަރީ ދުވަހު ބާއްވާ ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލަންކާގައި އުޅޭ ދިވެހިންނަށް ހުޅުވާލާފައެވެ. އެގޮތުން މި ދެމުބާރާތުގައިވެސް ބައިވެރިވުމުގެ ފުރުޞަތު މާދަމާ މެންދުރު 12 ޖަހާއިރު ހަމަވާނެ ކަމަށްވެއެވެ. މި ދެމުބާރާތްވެސް އޮންނާނެ ކަމަށް ބުނެފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ދެ މުބާރާތުގެ ޤަވައިދުވެސް ސޯސަންވިލާއިން ވަނީ އާންމު ކޮށްފައެވެ.

އެމް.އީ.ސީ.ސީގެ އަހަރީ ދުވަހަކީ މާޗް މަހުގެ 20ވަނަ ދުވަހެވެ. ޚާއްސަ ސެންޓަރެއްގެ ގޮތުގައި އެމް.އީ.ސީ.ސީ މިހާރު ހިނގާގޮތަށް ހުޅުވާފައި ވަނީ 2014ވަނަ އަހަރުގެ މާޗް މަހުގެ 20ވަނަ ދުވަހުއެވެ. ސޯސަންވިލާގައި ހުންނަ އެމް.އީ.ސީ.ސީއަކީ ލަންކާގައި އުޅޭ އެކި އުމުރުފުރާ ތަކުގެ މީހުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ޖަމާވެއުޅޭ ސެންޓަރެކެވެ. އަދި ރާއްޖޭގެ ތައުލީމީ މުޤައްރަރާ އެއްގޮތަށް ދިވެހި، އިސްލާމް އަދި ޤުރުއާންވެސް ކިޔަވައި ދެމުން އަންނަ ސެންޓަރެކެވެ.
އެއީ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ދަށުން ސަރުކާރުން ހިންގަމުން އަންނަ ސެންޓަރެކެވެ.