 
										
			އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމަށް ގިނަ ތުހުމަތުތަކެއްކޮށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ. 
ޖާބިރު ހުށަހެޅުއްވި މައްސަލައަކީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ ފަރާތްޕުޅުން ފެންނަމުން ދަނީ އޭނާގެ މަސްލަހަތު އޮންނަ އޭނާގެ ބޭބެގެ ސިޔާސީ ޕާޓީ ކަމުގައިވާ އެމް އެންޕީއަށް ނާޖާއިޒް ގޮތުގައި މަންފާ ހޯދައި ދެމުންދާ މަންޒަރު ކަމަށެވެ. އަދި މީގެ އިތުރުން އޭނާގެ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން އެކިއެކި މަޝްރޫޢުތައްވެސް އޭނާއާ ގުޅުންއޮންނަ ފަރާތްތަކަށް ދިނުންފަދަ ޖަރީމާތައް ހިންގާކަމަށް ޖާބިރު ހުށަހެޅުއްވި މައްސަލާގައި ވެއެވެ. 
މިމައްސަލަ މަޖިލީހަށް ބަލައި ނުގަންނަން 28 މެމްބަރަކު ވޯޓު ދެއްވިއިރު، މިމައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ ޖާބިރު އެކަންޏެވެ. 
ޖާބިރުގެ މައްސަލާގައި ބުނެފައިވަނީ ސަރުކާރުގެ ސިޔާސަތު ތަކުން ބޭރުން އާދަމް އާޒިމް ހިންގަމުންދާ ވައްކަމާއި އަމިއްލަ މަންފާ ހޯދުން ކަމުގައި ބެލެވޭތީ، އޭނާ މިހާރުން މިހަރުން މަޤާމުން ދުރުކުރުމަށް، އަވަސް މައްސަލަ އެއް ގޮތުގައި ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާކަމަށެވެ.
ޖާބިރު މަޖިލީހަށް ހުށަހަޅުއްވާ މިފަދަ ގިނަ މަސައްލަތަށް މަޖިލީހުން ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ.