ކުޅިވަރު

ވެލެންސިޔާ ބަލިކޮށް އީގަލްސްއިން ތާވަލްގެ 2ވަނައަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ވެލެންސިއާ ބަލިކޮށް، ކްލަބް އީގަލްސް އިން ތާވަލްގެ 2ވަނަ އަށް ޖެހިލައިފިއެވެ. މިމެޗް ކުލަބް އީގަލްސްއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗަށް ނިކުތްއިރު ވެލެންސިޔާއިންވަނީ އެޓީމަށް ބަދަލްތަކެއް ގެނެސްފައެވެ. އާންމުކޮށް ވެލެންސިޔާގެ ގޯލް ބަލަހައްޓަމުންދާ މުޙައްމަދު ފައިސަލްގެ ބަދަލްގައި ރޭގެ މެޗްގައި ވެލެންސިޔާގެ ގޯލް ބަލަހައްޓާފައިވަނީ ތަލާލް ހަސަނެވެ. އަދި ޖަލު ހުކުމެއް ތަންފީޒް ކުރުމަށްފަހު، ޓީމާއި ގުޅުނު އައްސަދު ޢަލީ ވެސް ވަނީ ރޭގެ މެޗްގެ ފުރަތަމަ 11 ގައި ހިމަނާފައެވެ.

މެޗް ފަށައިގެން މޮޅަށް ކުޅެފައިވަނީ ކުލަބް އިގަލްސްއިންނެވެ. ނަމަވެސް ކުލަބް ވެލެންސިޔާއިން ވެސް އީގަލްސްގެ ގޯލަށް ނުރައްކާ ކުރެވޭ ތޯ މަސައްކަތް ކުރިއެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ކުލަބް އީގަލްސްއަށް ކާމިޔާބުކޮށްދިނީ މެޗެގް 12 ވަނަ މިނެޓްގައި އިޓަލީ މިޑްފީލްޑަރު ޖިއަކޯމޯ ފަވޭރޯއެވެ. މެޗްގައި އީގަލްސްއިން ލީޑް ނެގުމާއެކު ވެލެންސިޔާއިން ކުރިއަށް ޖެހިލައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ވެލެންސިޔާއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތަށްވަނީ އީގަލްސްގެ ޑިފެންޑަރުން ހުއްޓުވާފައެވެ.

މެޗްގެ 23ވަނަ މިނެޓްގައި އީގަލްސްގެ އަހުމަދު ރިޒްވާނަށް ލީޑް ފުޅާކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ރިޒްވާނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. އަދި މެޗްގެ 36ވަނަ މިނެޓްގައި އީގަލްސްގެ ޢަބްދުﷲ ސަމީހުއަށް ވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ސަމޫހު ފޮނުވާލި ބޯޅަވަނީ ކުލަބް ވެލެންސިޔާގެ ކީޕަރު ތަލާލް މަތަކޮށްފައެވެ. އަދި މީގެ އިތުރުންވެސް އީގަލްސްއިން މެޗްގައި ގޯލް ޖެހުމަށް އުފައްދަން މަސައްކަތް ކުރި ގިނަ ބޯޅަތައް ވަނީ ވެލެންސިޔާގެ ކީޕަރު ތަލާލް ދިފާޢުކޮށްފައެވެ.

އެއް ލަނޑުން ބަލިވެފައި އޮތުމާއި ގުޅިގެން ކުލަބް ވެލެންސިޔާއިން މެޗް ފަށާފައިވަނީ ޓީމަށް ބަދަލްތަކެއް ގެނެސްގެންނެވެ. އެގޮތުން ވެލެންސިޔާއިން ވަނީ ޢަބްދުﷲ މިދުހަތު ފަހުމީ އާއި ޢަބްދުﷲ ޔާމީން ކުޅެން އަރުވާފައެވެ. ބަދަލްތަކާއެކު ވެލެންސިޔާއިން މެޗްގެ ދެވަނަ ހާފް ފެށީ ވަރުގަދަކޮށެވެ. އެގޮތުން ވެލެންސިޔާގެ ބިދޭސީ ކުޅުންތެރިޔާ ޚަލީލް ފޮނުވާލީ ބޯޅަވަނީ އީގަލްސްގެ ޑިފެންޑަރުން ބުލޮކް ކޮށްފައެވެ. މެޗްގެ 61އެއްވަނަ މިނެޓްގައި އީގަލްސްގެ އަހުމަދު ހަސަން ފޮނުވާލި ބޯޅަވަނީ އީގަލްސްގެ ކީޕަރު ތަލާލް ދިފާއުކޮށްފައެވެ. މެޗްގެ 75ވަނަ މިނެޓްގައި ވެލެންސިޔާގެ އައްސަދު އަލީއަށްވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އައްސަދު ފޮނުވާލި ބޯޅަވަނީ އީގަލްސްގެ ކީޕަރު ތާހާ ދިފާޢުކޮށްފައެވެ.

މެޗްގެ އިތުރުވަގުތުގެ ތެރޭގައި އީގަލްސްގެ ޒިޔާން އަދި ވެލެންސިޔާގެ ޚަލީލްގެ މެދުގައި ހިގި ހަމަނުޖެހުމުގައި ދެ ޓީމްގެ ކުޅުންތެރިން ވެސް ވަނީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ބަދަލްކޮށްފައެވެ. އެގޮތުން ވެލެންސިއާގެ ބޯހާސް އާއި އީގަލްސްގެ ފަވޭރޯއަށް ރެފްރީ ސާތިރު ވަނީ ރީނދޫ ކާޑް ދެ ކުޅުންތެރިންނަށް ވެސް ދައްކާފައެވެ. މިމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ކުލަބް އީގަލްސް ވަނީ ތާވަލްގެ 2ވަނައަށް ޖެހިލާފައެވެ. މިމެޗުން ވެލެންސިޔާ ބަލިވުމާއި ގުޅިގެން ލީގުގެ ފުރަތަމަ ބުރު ނިމޭއިރު، މާޒިޔާއަށްވަނީ ތާވަލްގެ 1ވަނަ ކަށަވަރުވެފައެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 6 މެޗުން 18 ޕޮއިންޓާ އެކުއެވެ. 2 ވަނައިގައި އޮތް އީގަލްސްއަށް 6 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ 3 ވަނައިގައި އޮތީ 6 މެޗުން 12 ޕޮއިންޓާއެކުއެވެ.