ކުޅިވަރު

ސްޕޯޓްސް އެވޯޑުތައް އިންސާފުވެރިވާނެ: ޖަޖުންގެ ޕެނަލް


"މޯލްޑިވްސް ސްޕޯޓްސް 2022" އެވޯޑަކީ އިންސާފުވެރި އެވޯޑަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށް އެވޯޑުގެ ޖަޖުންގެ ޕެނަލުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި ބާއްވާ ސްޕޯޓްސް އެވޯޑުގައި ރާއްޖޭގެ ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއްގެ އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން) ހޮވާނެއެވެ. މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން) އަދި ކުޅިވަރައި ގުޅުން ހުރި އެންމެ އެކި ދާއިރާތަކުން އެވޯޑުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ކުޅިވަރެއްގެ އެންމެ މޮޅު ތިން އެތުލީތުން ހޮވާފައިވަނީ އެ ކުޅިވަރެއްގެ އެސޯސިއޭޝަނުންނެވެ. އެންމެ މޮޅު ކޯޗު، އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް، އެންމެ މޮޅު ސިއްހީ އެހީތެރިޔާ، އެންމެ އުއްމީދީ އެތުލީޓު، އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ، އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރު، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެސޯސިއޭޝަން، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް ބްރޯޑްކާސްޓަރު، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް އޮންލައިން މީޑިއާގެ އިތުރުން އަހަރުގެ ކުޅިވަރު ޝަހުސިއްޔަތު ހޮވާނީ އެސޯސިއޭޝަތުން ނޮމިނޭޓްކުރި ނަންތަކަށް ރިއާޔަތްކޮށް އެކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ ޕެނަލަކުންނެވެ.

މި ޕެނަލްގައި ހިމެނެނީ ފީފާ އާއި އޭއެފްސީގެ މެޗު ކޮމިޝަަނަރު އަހުމަދު ޝާހިރު، ޤައުމީ ބާސްކެޓު ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޢަބްދުއްނާފިޔު ތައުފީގް، ކުރީގެ ފީފާ ރެފްރީ ޢަލީ ސަލީމް، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އިސްމާޢީލް ސުޖާއު އާއި ގައުމީ ސްޕޯޓްސް ކައުންސިލްގެ މެންބަރު އާމިނަތު ނާޝިދާއެވެ.

ސްޕޯޓްސް އެވޯޑާއި ގުޅޭގޮތުން ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަޖުން ޕެނަލްގެ މުގައްރިރު ޢަލީ ސަލީމް ވިދާޅުވީ މި އެވޯޑު އިންސާފުވެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް ޕެނަލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން 14 ދުވަހުގެ ތެރޭގައި 91 ގަޑިއިރު ޕެނަލްގެ މެންބަރުން އެވޯޑުތަކަށް ނަންތައް ފައިނަލްކުރުމުގައި ހޭދަކޮށްފައިވާކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ މި ފަދަ އެވޯޑެއް ދޭއިރު އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަ ކުރެވުނީ އިންޑިވިޖުއަލް ކުޅިވަރުތަކާއި ޓީމު ކުޅިވަރުތަކުން ނަންތައް ނޮމިނޭޓް ކޮށްފައިވުމުން ކުޅިވަރުތަކާއި މުބާރާތްތައް މިނާނެ މިންގަނޑެއް ކަނޑައަޅާފައި ނެތުމެވެ.

ނާފިއު ވިދާޅުވީ ހުރިހާ ޖަޖުންނަށް ވެސް އެއްބަސްވެވޭ މިންގަނޑުތަކެއް ކަނޑައެޅުމަށް ފަހު އެވޯޑުތަކަށް ނަންތައް ފައިނަލް ކުރީ ވަރަށް ބޮޑަށް ބަލައި ދިރާސާ ކުރުމަށްފަހު ކަމަށެވެ.

ޖަޖުންގެ ޕެނަލްގައި ހިމެނޭ ސުޖާއު ވިދާޅުވީ ބައެއް އެވޯޑުތަކާއެކު ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ވަރަށް ބޮޑަށް ފެންނާނެ ކަމަށެވެ. އެވޯޑުތަކަށް ހޮވޭ ހުރިހާ ފަރާތްތަކަކީ ވެސް އެސޯސިއޭޝަންތަކުން ފޮނުވާފައިވާ ނަންތަކެއް ކަމަށެވެ.


އެންމެ ބޮޑަށް ވަގުތު ހޭދަކޮށް ދިރާސާ ކުރަން ޖެހުނު އެއް އެވޯޑުގެ ގޮތުގައި ޖަޖުން ފާހަގަކޮށްފައިވަނީ އަހަރުގެ އެންމެ މޮޅު ޖާނަލިސްޓްގެ އެވޯޑެވެ. މި އެވޯޑަށް އެސޯސިއޭޝަންތަކުން ހުށަހެޅި ނަންތައް ދިރާސާކުރުމުގައި ކުޅިވަރު ކަވަރުކުރުމުގެ ގިނަ މިންގަނޑުތަކަކަށް ބަލާފައިވާނެކަމަށް ޖަޖުން ފާހަގަކުރެއްވި އެވެ.

"ޖާނަލިސްޓުން ކަނޑައެޅިއިރު، ހަމައެކަނި ޓޮޕް 3 އަށް ނުބަލަން. އަޅުގަނޑުމެން ބެލިންް 3 އަހަރު ކިހާވަރެއްގެ ކަމެއްކޮށްތޯ ކޮށްދިނީ ކުޅީވަރަށް. ލިޔުނު އާޓިކަލްސްތަކުގެ އަދަދަށް، ކޮމަންޓްރީ އަށް، ޕްރެޒެންޓް ކުރުމަށް، ޕްރޮގްރާމް އުފެއްދުމަށް މިކަހަލަ ވަރަށް ގިނަ ކަންކަމަށް ބަލާފައި ނަންތައް ފައިނަލްކޮށްފަ ހުންނާނީ،" ޖަޖުންގެ ޕެނަލްގައި ހިމެނޭ ސުޖާއު ވިދާޅުވިއެވެ.

މި އިވެންޓަށް ދުނިޔޭގައި ފާހަގަކޮށްލެވޭ ކުޅިވަރު ލެޖެންޑުންނާއި ރާއްޖެއާ ގާތްގުޅުމެއް ބާއްވައި، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމުތަކުގެ ކުޅިވަރު ވުޒާރާތަކުގެ ވެރިން ހިމެނޭ ގޮތަށް ޖުމްލަ 15 މެހެމާނަކު ޒިޔާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފއެވެ.