ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑް އަލުން ލީގުގެ ހަތަރު ވަނަ އަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އަލުން ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފިއެވެ. ރޭގެ މެޗު ޔުނައިޓެޑު ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ

މެޗު ފަށައިގެން ޔުނައިޓެޑު ވަނީ ޓޮޓެންހަމްގެ އެރިކް ޑަޔާ އަތުގައި ބޯޅަ ޖެހުމާ އެކު ޕެނަލްޓީ އަކަށް އެޕީލްކޮށްފައެވެ. ނަމަވެސް، މެޗުގެ ރެފްރީ ޖޯން މޮސް ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ. މެޗުގެ 12 ވަނަ މިނިޓްގައި ޔުނައިޓެޑް ލީޑުނެގީ ރޮނާލްޑޯ ޖެހި މޮޅު ގޯލުންނެވެ. ރޮނާލްޑޯ ޖެހި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް އަތްމަތިންނެވެ.

ފުލުފުލުގައި ޓޮޓެންހަމުން ކުރަމުންދިޔަ އެޓޭކްތަކުގެ ބޭނުންހިފައި އެ ޓީމުން އެއްވަރުކުރީ މެޗުގެ 35 ވަނަ މިނިޓްގައި ކޭން ޖެހި ޕެނަލްޓީ އަކުންނެވެ. މިއީ ޓޮޓެންހަމްގެ ސުލެވްސްކީ ހުރަހެއް ދިފާއުކުރަން އުޅެނިކޮށް ޔުނައިޓެޑްގެ އަލެކްސް ޓެލޭސް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރިތާ ދެ މިނިޓް ފަހުން ރޮނާލްޑޯ ވަނީ އިތުރު ގޯލެއް ޖަހައި، ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދީފައެވެ. މިއީ ފުޓްބޯޅަ ކެރިއަރުގައި ރޮނާލްޑޯ ޖެހި 806 ވަނަ ގޯލެވެ.

ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން ޓޮޓެންހަމުން ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 72 ވަނަ މިނިޓްގައެވެ. މިއީ ޓޮޓެންހަމްގެ ސާޖް ރެގީއޯން ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޔުނައިޓެޑް މެޗުން މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 81 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނަލްޑޯއެވެ. މި ލަނޑާއެކު ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ކްލަބް ކެރިއަރުގައި ހެދި 59 ވަނަ ހެޓްރިކް ފުރިހަމަ ކުރި ގޯލު ރޮނާލްޑޯ ކާމިޔާބުކުރީ އަލެކްސް ޓެލޭސް ނެގި ކޯނަރެއް ބޮލުން ގޯލަށް އަމާޒުކޮށްގެންނެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން ރޮނާލްޑޯ ޔުނައިޓެޑް ޖޯޒީގައި ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ.

ރޭގެ ކާމިޔާބީއާއެކު ޔުނައިޓެޑް އަލުން ތާވަލްގެ ހަތަރު ވަނަ އަށް އެރީ 29 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރެއްގައި އޮތް އާސެނަލް އޮތީ ޔުނައިޓެޑަށް ވުރެ ހަތަރު މެޗު މަދުން ކުޅެގެން، 25 މެޗުން 48 ޕޮއިންޓާ އެކުގައެވެ. އާސެނަލުން މާދަމާރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ ބަލިކޮށް އަލުން ލީގުގެ ހަތަރު ވަނަ އަށް އެރޭނެއެވެ.