ކުޅިވަރު

ޔުވެންޓަސްއަށް ސަމްޕްޑޯރިއާގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި


އިޓާލިއަން ސެރީއޭގައި ސަމްޑޯރިއާގެ މައްޗަށް ޖުވެންޓަސް ކުރިހޯދައިފިއެވެ. ޔުވެންޓަސްއިން ސަމްޕްޑޯރިއާގެ މަޗަށް ކުރި ހޯދީ 3-1 ލަނޑު އެއްލަނޑުންނެވެ.

ސަމްޑޯރިއާގެ ދަނޑުގައި ކުޅުނު މެޗުގައި ޔުވެންޓަސް އިން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގައި ސަމްޑޯރިއާގެ މާޔާ ޔޮޝީޑާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޔުވެންޓަސް އިން ލީޑުފުޅާކުރީ މެޗުގެ 34 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. މިއީ ޔުވެންޓަސްގެ މޮއިސް ކީން އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދެ ވަނަ ހާފުގައި ޔުވެންޓަސްގެ އޭޑްރިއަން ރަބިއޯ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީ އަކުން ސަމްޑޯރިއާގެ ކަންޑްރޭވާ ޖެހި ބޯޅަ ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފައެވެ. ނަމަވެސް، މެޗުގެ 84 ވަނަ މިނިޓްގައި ސަމްޑޯރިއާގެ އަބްދުލްހަމީދު ސަބީރީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ވަނީ ގޯލަކަށް ބަދަލުކޮށްފައެވެ. އޭގެ ހަތަރު މިނިޓް ފަހުން މޮރާޓާ ބޮލުން ގޯލެއް ޖަހައި ޔުވެންޓަސް އަށް މެޗުގެ ތިންވަނަ ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

ރޭގެ ނަތީޖާއާއެކު ޔުވެންޓަސް ވަނީ އިޓާލިއަން ލީގުގައި ބަލިނުވެ، 15 މެޗު ހަމަކޮށްފައެވެ. މިއީ މި ސީޒަނުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި ވެސް ބަލިނުވެ، ޓީމެއްގެ އޮތް އެންމެ ރަނގަޅު ރެކޯޑެވެ.

އިޓާލިއަން ސެރީއާގައި ރޭ އެމްޕޮލީ 1-0 އިން ބަލިކޮށް އޭސީ މިލާނުން ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ.

މިލާނުގެ މެޗު ފަށައިގެން މާގިނައިރެއް ނުވެ، އެ ޓީމުގެ އަލެސަންދްރޯ ފްލޮރެންޒީ ޖެހި ބޯޅައެއް އެމްޕޮލީގެ ކީޕަރު ވިކާރިއޯ ވަނީ މަތަކޮށްފައެވެ. މިލާނުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 19 ވަނަ މިނިޓްގަ އޮލީވިއޭ ޖިރޫޑެވެ.

ލީޑުފުޅާކުރަން މިލާނުން ކުރި މަސައްކަތުގައި ޖިރޫޑް ފޮނުވާލި ބޯޅައެއް ކީޕަރު ވިކާރިއޯ މަތަކުރިއިރު، ޖޫނިއާ މެސިއަސް ފޮނުވާލި ބޯޅަ ވެސް ހުއްޓުވީ ކީޕަރެވެ. އެމްޕޮލީން ގޯލެއް ޖެހޭތޯ ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާގައި، ސެބަސްޓިއާނޯ ލުޕެރްޓޯ ބޮލުން ޖެހި ބޯޅަ މިލާން ކީޕަރު މައިކް މައިންޔޯން ވަނީ މަތަކޮށްފައެވެ.

ރޭގެ ނަތީޖާއާއެކު މިލާން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން ފަސް ޕޮއިންތާއެކުގައެވެ. މިލާނަށް 29 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، އިންޓަރ މިލާނަށް 27 މެޗުން ވަނީ 58 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އަށް 28 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޔުވެންޓަސްގެ އޮތީ 29 މެޗުން 56 ޕޮއިންޓެވެ.