ކުޅިވަރު

ހޮފެއިންހަމް ބަޔާން މޮޅުވިޔަ ނުދީ ހިފަހައްޓައިފި


ޖަރުމަނު ބުންޑަސް ލީގުގައި ރޭ ބާޔާން ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. ހޮފެންހައިމް ވާދަކުރި މެޗު އެއްވަރުވީ 1-1ލަނޑުންނެވެ.

ހޮފެންހަމްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ހޮފެންހަމްއިންނެވެ. އެގޮތުން އެޓީމުގެ ލަނޑު މެޗުގެ 32 ވަނަ މިނިޓްގައި ޖަހައި ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން ކްރިސްޓޮފް ބޯމްގާޓްނާއެވެ. ބޯމްގާޓްނާ ފުރަތަމަ ގޯލް ކާމިޔާބުކުރީ ޑޭވިޑް ރައުމް ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

ބަޔާނުން އެއްވަރު ކުރި ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޮބަޓް ލެވަންޑޯސްކީ ބޮލުން ފޮނުވާލި ކޯނަރަކުންނެވެ. މިއީ މި ފަހަރު ލީގުގައި ލެވަންޑޯސްކީ ޖެހި 29 ވަނަ ގޯލެވެ. ދެ ވަނަ ހާފުގައި ބަޔާނަށް ލީޑުނަގައިދޭން ލެރޯއި ސާނޭ ޖެހި ބޯޅަ ހޮފެންހައިމްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މީގެ އިތުރުން ބަޔާނުގެ ލީޑު ބަދަލުކޮށްލުމަށް ފުރުޞަތެއްގައި ގްނެބްރީ ޖެހި ބޯޅަ ވަނީ ގޯލާ އަމާޒު ނުވެ ބޭކާރުވެފައެވެ.

ބަޔާނުން މި މެޗުގައި ޖެހި ތިން ގޯލެއް އޮފްސައިޑް ކަމަށް ރެފްރީ ވަނީ ނިންމާފައެވެ

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ކުޅުންތެރިންގެ ކުޅުމާމެދު އޭނާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ގޯލުތަކެއް ޖެހި ނަމަވެސް ހަނި ފަރަގަކުން އޮފްސައިޑް ކަމަށް ނިންމާފައިވާތީ މިއީ ކަންކަން ރަނގަޅަށް ނުދާ ދުވަހެއްކަން މެޗުގެ ތެރެއިން ވެސް އެނގުނު ކަމަށެވެ.

ރޭގެ މެޗު އެއްވަރުވުމުން ބަޔާން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށްވުރެ ދެ މެޗު އިތުރަށް ކުޅެގެން 10 ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ބަޔާނަށް 26 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑްގެ އޮތީ 24 މެޗުން 50 ޕޮއިންޓާއެކުގައެވެ.