ބައިކް މޯލްޑިވްސްގެ މިއަހަރުގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފިއެވެ. ބައިކް މޯލްޑިވްސްގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ އިއްޔެގެ ހެދުނުން ފެށިގެން ހަވީރާއި ހަމައަށް ކުރިއަށްދިޔަ ތްރީ އައިލެންޑް ކިޑްސް ޓުއަރއިންނެވެ. މިހަރަކާތާބެހޭގޮތުން މަޢުލުމާތު ދެމުން ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ޙަސަން ވިދާޅުވީ ބައިކް މޯލްޑިވްސްގެ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބޭއްވި ތްރީ އައިލެންޑް ކިޑްސް ޓުއަރއަކީ ވަރަށް ކާމިޔާބު އިވެންޓެކެވެ. ތްރީ އައިލެންޑް ކިޑްސް ޓުއަރ ކުރިއަށް ގޮސްފައިވަނީ، ރާޅުގަނޑު ސަރަހައްދުން ފަށައިންގެ މާލެ ވަށާ ބުރެއް ޖަހައި، ރާޅުގަނޑު ސަރަހައްދުން ފަށައިގެން ގޮސް، ސުނާމީ ބިނާ ސަރައްހަދުގައިވަނީ ކުޑަވަގުތުކޮޅަކު މަޑުކޮށްފައެވެ. ސުނާމީބިނާ ސަރައްހަދުން ގޮސް، ރަސްފަންނުގައިވެސް އިވެންޓްގެ ބައިވެރިން ވަނީ މަޑުކޮލާފައެވެ. އަސްމާ ވިދާޅުވީ ބައެއް ސަރަހައްދުތަކުގައި މަޑު ކުރުމަށް ނިންމީ، އިވެންޓްގައި ބައިވެރިވާ ކުޑަކުދިންނަށް ރެސްޓެއް ދިނުމުގެ ގޮތުންކަމަށެވެ.
މާލެ ވަށާ ބުރެއް ޖެހުމަށްފަހު، ތްރީ އައިލެންޑް ކިޑްސް ޓުއަރގެ ބައިވެރިން ވަނީ ވިލިމާލެއަށް ގޮސްފައެވެ. ވިލިމާލެ ޕޮލިސް ސްޓޭޝަނުންވަނީ ތްރީ އައިލެންޑް ކިޑްސް ޓުއަރގެ ބައިވެރިންނަށް މަޢުލުމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ވިލިމާލެ ވަށާ ބުރުޖެހުމުގެ އިތުރުން، ވިލިމާލެ ބީޗް ސަރައްހަދު ސާފު ކުރުގެ އިވެންޓެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މެންދުރު ނަމާދަށްފަހު، ވިލިމާލޭގައި ބައެއް ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، އިވެންޓްގެ ބައިވެރިން ވަނީ ކްރޮސް ރޯޑަށްވެސް ގޮސްފައެވެ. ކްރޮސް ރޯޑްގައި ވެސް މަޢުލުމާތު ދިނުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ތްރީ އައިލެންޑް ކިޑްސް ޓުއަރގައި 17 ދުއްވުންތެރިން ބައިވެރިވެފައިވާކަމަށާއި މިއިވެންޓަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ޙަސަން ވިދާޅުވީއެވެ.
ބައިކް މޯލްޑިވްސްއިން ދެން އެންމެ އަވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރ ސްކޫލް މުބާރާތެވެ. އެއީ ޖޫން މަހުގެ ތެރޭގައެވެ. އޯގަސްޓް މަހުގެ ތެރޭގައި އިންޓަރނޭޝަން ބައިކް ޓުއަރ އަކާއި ރާއްޖޭގެ ކޮންމެވެސް ރަށެއްގައިވެސް ބައިކް ޓުއަރއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޓުއަރ ކުރިއަށްދާނީ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި ނޮވެންބަރު މަހުގެ ތެރޭގައި ނެޝަނަލް ސައިކްލިން ޗެންޕިއަންޝިޕް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.