ކުޅިވަރު

ރ. އުނގޫފާރު ޓީމުގެ ކޯޗަކަށް ޝިޔާޒް ހަމަޖައްސަނީ


އޭއެފްސީ ޕްރޯ ލައިސަންސް ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) ރ. އުނގޫފާރު ޓީމުގެ ކޯޗަކަށް ހަމަޖައްސަން ނިންމައިފިއެވެ. 2023/2024ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ރ.އުނގޫފާރުން ވާދަކުރުމަށް ވަނީ ނިންމާފައެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ އޯޕަން ބުރުގައި ރ.އުގޫފާރުއިން ވާދަކުރުމަށް ނިންމާފައިވާއިރު، އެޓީމްގެ ކޯޗްއަކަށް މޯހަން ހަމަޖައްސަން ނިންމާފައިވާއިރު، މޯހަންއަކީ ވަރަށް ތަޖުރިބާކަރު ކޯޗެކެވެ. އަދި އަތޮޅު ފުޓްބޯޅައިގައި މޯހަންގެ ތަޖްރިބާ ވެސް ވަރަށް ބޮޑުވާނެއެވެ. 2014-2015ގައި އދ. މަހިބަދޫ ފުޓްބޯޅަ ޓީމާއި 2017 ގައި ދ. ކުޑަހުވަދޫ ޓީމު ގޮވައިގެން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައިވާއިރު، މިދެ ޓީމް ވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ އަމިއްލަ ރަށުގައެވެ. ރަށުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު، ޓީމް މާލެ އަންނަނީ މެޗަށެވެ.

2008ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ހޯދިއިރު، އެޓީމްގެ އެސިސްޓަންޓް ކޯޗްއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ މުހައްމަދު ޝިޔާޒްއެވެ. ގައުމީ ޓީމްގެ އިތުރުން މޯހަންވަނީ މާޒިޔާ، ނިއު ރޭޑިއަންޓް، ކްލަބް އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އެވެ.

އެފްއޭއެމްއިން ވަނީ 2023/2024ވަނަ އަހަރު ސީޒަން ކުރިއަށްގެންދަން މުޅި ރާއްޖެ 4 ޒޯނަކަށް ބަހާލާފައެވެ. ޒޯން 1ގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ.އަތޮޅެވެ. ޒޯން 2ގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ.އަތޮޅެވެ. ޒޯން ތިނެއްގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ، ސ.އަތޮޅެވެ. އަދި ޒޯން 4 އެއީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަނެވެ.

އާ ފޯމެޓާއެކު އެފްއޭއެމްއިން ބޭނުން ވަނީ ފުޓްބޯޅައިގެ ފޯރި މުޅި ރާއްޖެއަށް ފަތުރާލާށެވެ. އެއާއެކު 53 ރަށުން 61 ޓީމް ވަނީ ކޮލިފިކޭޝަންގައި ބައިވެރިވެފައެވެ. 2023/2024ވަނަ އަހަރުގެ އާ ފޯމެޓާއެކު ތިން ޑިވިޝަނެއް ކުރިއަށްދާނެއެވެ. އެއީ އޯޕަން ޑިވިޝަނާއި 3ވަނަ ޑިވިޝަން، ދެވަނަ ޑިވިޝަން އަދި ފުރަތަމަ ޑިވިޝަނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދާނީ ރަށު ފެންވަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޯޕަން ޑިވިޝަނެވެ.