ޚަބަރު

މިޔަރު ބާނާ އުރަހަ ނެގުމަށްފަހު ބާކީބައި މޫދަށް އުކާލާ ވީޑިއޯއެއް


މިޔަރު ބޭނުންމަށް ފަހު އޭގެ އެރަހަ ނަގާ ބާކީ ބައި މޫދަށް އުކާލާތަން ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

މި ވީޑިއޯއިން ފެންނަނީ ޑިންގީއެއްގައި މިޔަރުގެ މަސްވެރިކަން ކުރަން ނުކުމެ އުޅޭ ތިން މީހުންނެވެ. މި މީހުން މިޔަރު ބޭނުމަށްފަހު އޭގެ އުރަހަ ކަނޑާ ނަގާފައި މިޔަރުގެ ބާކީ ބައިތައް މޫދަށް އެއްލާލާތަން މި ވީޑިއޯއިން ފެނެއެވެ. އޭރުވެސް އުރަހަ ނަގާފައިވާ ދެ މިޔަރެއް އެ ޑިންގީ ތެރޭގައި އޮތްތަން ފެނެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މި ވީޑިއޯ ނަގާފައިވަނީ ޑްރޯނެއް ބޭނުންކޮށްގެންނެވެ. އަދި ޑްރޯން އެ ޑިންގީއާއި ދިމާލަށް ތިރިކުރަން ފެށުމުން ދޯނީގައި ހުރި އެކަކު ދިގު ދަނޑިއެއް ނަގާ ޑްރޯންގައި ޖަހަން އުޅޭހެން ސިފަވާ މަންޒަރުތަކެއްވެސް މި ވީޑީއޯއިން ފެނެއެވެ.

މި ވީޑިއޯ އާއްމުކޮށްފައިވާ ފަރާތުން ބުނެފައިވަނީ މީ ދިވެހިން ބައެއްކަމަށާއި މި ވީޑިއޯ ނަގާފައިވަނީ ފުވައްމުލަކުގެ ރަސްގެފަންނު ސަރަހައްދުންކަމަށެވެ.

2010 ވަނަ އަހަރުން ފެށިގެން ރާޢްޖޭގައި މިޔަރުގެ ބާވަތްތައް ހިފާ ބޭނުންމަކީ މުޅިން މަނާކަމަކެވެ. އެހެންނަމަވެސް މިޔަރު އުރަހަ ނަގާ އޭގެ ވިޔަފާރި ބައެއް މީހުން އަންނަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ ކުރީ ކޮޅު އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު 429 ކިލޯ މިޔަރު އުރަހަ ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. 21 ފޮއްޓެއްގައި ބަންދުކޮށްގެން މިތަކެތި ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތްކޮށްފައިވަނީ ލޮނުމަހުގެ ޝިޕްމަންޓެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ މެދުތެެރޭގައި މިޔަރުގެ މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް އދ. މާންދޫ ކައިރިންވެސް ވަނީ އަތުލައިގެންފައެވެ. މި ދޯނީގައިވެސް މިޔަރާއި މިޔަރުގެ އުރަހައާއި ލޮނު އަޅާފައިވާ މިޔަރު މަސް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިޔަރުގެ މަސްވެރިކަން ކުރުން ރާއްޖޭގައި މަނާކޮށްފައި އޮތުމުން އޭގެ ނޭދެވޭ އަސަރު މަސްވެރިކަމަށް ކުރަމުން އަންނަކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ. އެގޮތުން މަސް އައިންތަކުން ބާނާ މަސްތައް މިޔަރު ކައިފައި ހުންނަކަމަށް މަސްވެރިން ބުނެއެވެ.