ތަޢުލީމު

"ލާމަރުކަޒީ ނިޒާމު ކާމިޔާބުކުރެވޭނީ އަތޮޅުތެރެއަށް ޚިދުމަތްކޮށްދޭނެ ފަންނީ މީހުން ބިނާކޮށްގެން"


ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން އުފެއްދިގެންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި ޚާއްޞަ ސްކޮލަރޝިޕް ސްކީމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް 2022 އަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ސުޕަރސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުރުމަށްޓަކައި ތައާރަފްކުރި ޕްރޮގްރާމެކެވެ. މިއީ، ސަރުކާރުގެ އޮފީސްތަކުގެ 3 އަހަރުދުވަހުގެ "ޓްރެއިނިންގ ނީޑްސް" ގައި ފާހަގަކުރެވިފައިވާ، ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކުގެ ތެރެއިން ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ސްކީމެކެވެ.

މި ސްކޮލަރޝިޕްތައް ތައާރަފްކުރައްވާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަމަކީ މީހުން ބިނާކުރުން ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން އުފެއްދިގެން ކަމަށާއި، މި ސްކޮލަރޝިޕްތައް އުފެއްދެވި މައިގަނޑު ވިސްނުންފުޅަކީ އެއީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ސްޕެޝަލިސްޓު ޓްރެއިން ކުރައްވަން ނިންމެވީ އެ ޑޮކްޓަރުންގެ ޚިދުމަތް އެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ލިބެން ހުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ސަރުކާރަށް ގަބޫލު ކުރެއްވޭތީކަމަށެވެ.

ޑޮކްޓަރުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލާއި 6 ރީޖަނަލް ހޮސްޕިޓަލަކުން އެދިފައިވާ ދާއިރާތަކާއި ލެވެލްތަކަށެވެ. އެ 6 ރީޖަނަލް ހޮސްޕިޓަލަކީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ލ.ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ.ޢަބްދުޞަމަދް މެމޯރިއަލް ހޮސްޕިޓަލް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މ.މުލީ ރީޖަނަލް ހޮސްޕިޓަލެވެ.

މި ހޮސްޕިޓަލްތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 14 ދާއިރާއަކުން ތަމްރީނުކުރުމަށް އެދިފައިވެއެވެ. އެ ދާއިރާތަކަކީ، އެނަސްތީސިއޮލޮޖީ، އިންޓާރނަލް މެޑިސިން، އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާރޖަރީ، ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، މެޑިކަލް އޮންކޮލޮޖީ، ޕީޑިއަޓްރިކް ނިއުރޮލޮޖީ، އޮޕްތަލްމޮލޮޖީ، ޑާރމަޓޮލޮޖީ، ނިއޯނޭޓޮލޮޖީ، ޕަލްމިނޮލޮޖީ، ނެފްރޮލޮޖީ، އެންޑްރޮކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް އަދި ގައިނޮކޮލޮޖީއެވެ. މި ސްކީމްގެ ދަށުން 15 ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކޮލަރޝިޕް ސްކީމުގެ ދަށުން ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުގެ ފަރާތުން ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް އަދި އިންޝުއަރެންސްގެ އިތުރުން ވިސާ ޚަރަދުވެސް ހިމެނެއެވެ.