ޚަބަރު

ތަމްރީން ހަދަމުންދިޔަ ކުދިންތަކަކަށް ދިމާވި މެޑިކަލް މައްސަލަތަކާއި ގުޅިގެން ކޮމިޓީއެއް


ޅ. މާފިލާފުށީގައި ސިފައިންގެ އަސްކަރީ ތަމްރީން ހަދަމުންދިޔަ 3 ކުއްޖެއްގެ މެޑިކަލް މައްސަލަތަކެއް ދިމާވެގެން ހިނގި ކަންކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކާ ކޮމެޓީއެއް އެކުލަވާލާ އެ މަސައްކަތް ކުރަމުންދާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކު ހިމެނޭ ތަމްރީނުތަކެއްކަމަށެވެ. އަދި މި ތަމްރީނުތަކަށް ނެގޭ ސިފައިންނަކީ، ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ޓްރެއިނިންގތަކުގައި ބައިވެރިވެވޭ ކުދިންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ދާދިފަހުން މާފިލާފުއްޓަށް ތަމްރީން ފުރިހަމަކުރުމަށްދިޔަ ސިފައިންގެ ތެރެއިން 3 ކުއްޖެއްގެ މެޑިކަލް މައްސަލަތަކެއް ދިމާވެ އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ މިމަހުގެ 7 ވަނަ ދުވަހު ނިޔާވެފައެވެ. އެއީ ޢުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލެވެ. ރާފިލް ނިޔާވީ، މާފިލާފުއްޓަށް ދިޔަ ފަހުން ނޭވާލުމަށް އުނދަގޫވެގެން އަވަސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

އަނެއް ދެކުދިންގެ ތެރެއިން އެކަކަށް އައި.ޖީ.އެމް.އެޗުގެ އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، 3 ވަނަ ކުއްޖާއަށް ވޯޑުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް މި ދެ ކުދިންގެ އިތުރު ތަފްޞީލެއް އެމް.އެން.ޑީ.އެފުން ދެއްވާފައެއް ނުވެއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކާއި އެކި ދާއިރާތަކުގެ އެކްސްޕާޓުން ހިމެނޭގޮތަށް ކޮމެޓީއެއް އެކުލަވާލައި، މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މިކަންކަމާއި ގުޅޭގޮތުން އިތުރަށް އެއްޗެއް ދަންނަވަން އެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުންކަމަށްވެސް އެމް.އެން.ޑީ.އެފުން ވިދާޅުވިއެވެ.

ސިފައިންގެ ތަމްރީން ހަދަމުންދަނިކޮށް މަދުންނަމަވެސް ސިއްޙީ ބައެއް ސަބަބުތަކާހެދި މީގެކުރިންވެސް މީހުން މާލެ ގެނެސް ފަރުވާދީފައިވެއެވެ.