ވިޔަފާރި

ރަން އަހަރުގެ ލަވައަށް ޓިކްޓޮކް ހެދުމުގެ ޗެލެންޖެއް!


ފަތުރުވެރިކަމުގެ ރަން އަހަރަށް ހާއްސަކޮށްފައިވާ ލަވައަށް ޓިކްޓޮކް ހަދައިގެން ފައިސާގެ އިނާމު ލިބޭ ޓިކްޓޮކް ޗެލެންޖަކަށް ޓުއަރިޒަމް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މި ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ދެމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޓިކްޓޮކް ޗެލެންޖުގައި ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

މި ޗެލެންޖުގައި 'ނަލަ ނަލަ ރާއްޖެ' މި ލަވައަށް ލިޕްސިންކްކޮށް ހަދަން ޖެހެނީ މިނިޓެއްގެ ޓިކްޓޮކްއެކެވެ. ދިވެހިންގެ ތެރެއިން ކެޓަގަރީ އޭ ގައި ހިމެނޭނީ 10،000 ފޮލޯވަރުންނަށް ވުރެ ގިނަ މީހުން ތިބި ފަރާތްތަކެވެ. އަދި ކެޓަގަރީ ބީ ގައި 10،000 އަށް ވުރެ މަދު ފޮލޯވަރުން ތިބި ފަރާތްތަކަށް ބައިވެރިވެވޭނެއެވެ. މިއިން ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނައަށް ދާ ފަރާތަކަށް 25،000ރ. ގެ އިނާމެއް ހުށަހެޅިފައިވާއިރު، ދެވަނައަށް ދާ ފަރާތަކަށް ހުށަހަޅާފައިވަނީ 15،000ރ. އެވެ. އަދި ތިންވަނައަށް ދާ ފަރާތަކަށް ހުށަހެޅިފައިވަނީ 10،000ރ. އެވެ.

ބޭރުގެ ފަރާތްތަކުގެ ތެރެއިން ދެ ކެޓަގަރީއަށް ބަހާފައިވަނީ އެއް މިލިއަން ފޮލޯވަރުން ތިބި ފަރާތްތަކާއި، އެއް މިލިއަނަށްވުރެ މަދުން ފޮލޯވަރުން ތިބި ފަރާތްތަކުގެ މެދުގައެވެ. މި ދެ ކެޓަގަރީން އެއްވަނަ ދެވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، އެއްވަނައަށް ދާ ފަރާތަކަށް ދެ މީހަކަށް 8 ދުވަހު ޗުއްޓީ ހޭދަކޮށްލެވޭ ހޮލިޑޭ ޕެކޭޖެއް ލިބެއެވެ. ދެވަނައަށް ދާ ފަރާތައް ލިބެނީ 5 ދުވަހުގެ ދެ މީހެއްގެ ހޮލިޑޭ ޕެކޭޖެކެވެ.

މި ޗެލެންޖުގައި ބައިވެރިކުރާ ޓިކްޓޮކްތައް ވަޒަން ކުރާނީ ޝެއަރ ކުރާ މިންވަރަށާއި، ލައިކް ލިބޭ މިންވަރަށާއި ވިއުސް ލިބޭ މިންވަރަށް ބެލުމަށް ފަހުއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރަން އަހަރާއި ދިމާކޮށް ހާއްސަ ލަވައެއް ލޯންޗު ކޮށްފައިވާއިރު، ކުރިއަށްވެސް އިތުރު ހަރަކާތްތައް ރޭވިފައިވާކަން ޓުއަރިޒަމް މިނިސްޓްރީން ފާހަގަކުރެއެވެ.