ކުޅިވަރު

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން މަގޫދޫއަށް މޮޅެއް


ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗް ފ. މަގޫދޫގެ ޒުވާނުންގެ ކްލަބުން ކާމިޔާބުކޮށްފިއެވެ. މިމެޗް މަގޫދޫ ޓީމުން ކާމިޔާބުކޮށްފައިވަނީ ދަރަނބޫދޫގެ ޕަރޕަލް ޕަވާސް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މަގުދޫގައި ކުޅުނު މިމެޗް މަގޫދޫ ޓީމުން ކާމިޔާބުކޮށްފައިވާއިރު، އެޓީމުން މެޗްގެ ސެޓްތައް ގެންގޮސްފައިވަނީ 25-14، 25-19 އަދި 25-14 އިންނެވެ.

މިއީ މުޅި ރާއްޖެއަށް ވޮލީ ފުޅާކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ މަރުހަލާއެވެ. އިއްޔެގައި މަގޫދޫގައި ފެށި މިމުބާރާތް މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިމުބާރާތުގެ އަންހެން ޑިވިޝަންގައި ފ.އަތޮޅުން ބައިވެރިވެފައިވަނީ މަގޫދޫގެ ޒުވާނުންގެ ކްލަބާއި ދަރަނބޫދޫގެ ޕަރޕަލް ޕަވާސްގެ އިތުރުން ދެން ހިމެނެނީ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ، ނިލަންދޫ ސްޕޯޓްސް ކްލަބް އަދި ބިލެއްދޫ ރައިޒިން ސްޓާސް އެކެޑަމީއެވެ. ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ މަގޫދޫ ޒުވާނުންގެ ކްލަބް، ފީއަލި ޑިވެލޮޕްމަންޓް ސޮސައިޓީ، ދަރަނބޫދޫ ޕަރޕަލް ޕަވާސް، ސުޕަ ޖެނެރޭޝަން ކްލަބް އަދި ބިލެއްދޫ ރައިޒިން ސްޓާސް އެކެޑަމީއެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ވޮލީބޯޅަ ލެޖެންޑް ސައްޔިދު ޢަލީއެވެ. އަތޮޅު މުބާރާތް ނިމުމަށް ފަހު ދެން އޮންނާނީ ހަތް ޒޯން ހިމެނޭ މުބާރާތެވެ. ޒޯން އެކެއްގައި އޮތީ ހއ. ހދ އަދި ށ،އެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރއެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ.އެވެ. ޒޯން ތިނެއްގައި އޮތީ މ. ފ އަދި ދ.އެވެ. ޒޯން ފަހެއްގައި އޮތީ ތ، ލ.އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ.އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީއެވެ.