ސިޔާސީ

އަދީބާއި އޭނާގެ ޢާއިލާ މީހުންގެ އެކައުންޓްތައް ފްރީޒްކޮށްފި


ރިޔާސީ ލޯންޗުކޮޅުގައި
އެއްޗެއް ގޮއްވާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނާއިބު ރައީސް
އަޙްމަދު އަދީބާއި، އޭނާގެ ޢާއިލާގެ ބައެއް މީހުންގެ ބޭންކު އެކައުންޓްތައް
ފްރީޒްކޮށްފިއެވެ. އިންކުއަރީ ކޮމިޝަންގެ ކޯޗެއަރ އަދި ހޯމް މިނިސްޓަރ އުމަރު
ނަސީރު ވަނީ މިކަން ޕީއެސްއެމްއަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ފްރީޒް
ކޮށްފައިވަނީ ކޮން ބައެއްގެ އެކައުންޓްތަކެއްކަމެއް މިނިސްޓަރ ވިދާޅެއްނުވެއެވެ. ޕީއެސްއެމަށް
އެނގިފައިވާގޮތުގައި އަދީބުގެ އެކައުންޓާއި، އޭނާގެ ކުރީގެ އަނބިކަނބަލުންގެ
ބޭންކް އެކައުންޓް ފްރީޒްކޮށްފައިވެއެވެ.



ރައީސުލްޖުމުހޫރިއްޔާ
އަވަހާރަކޮށްލުމަށް ސެޕްޓެމްބަރ 27 ގައި ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި
ކަމުގެ ތުހުމަތުގައި އަޙުމަދު އަދީބު ހައްޔަރުކުރެއްވީ އޮކްޓޫބަރުމަހުގެ ސައުވީސްވަނަ
ދުވަހު ޗައިނާއިން މާލެ ވަޑައިގެންވިތަނާ، އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް
އެއަރޕޯޓުންނެވެ.



މިހާތަނަށް
ފަސްފަހަރެއްގެ މަތިން އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވާއިރު
މުއްދަތުގެ މަޖިލިސް ކުރިޔަށް ގެންދަވާފައިވަނީ ދޫނިދުއާއި ކްރިމިނަލްކޯޓާ ދެމެދު ވީޑިއޯ ކޮންފްރެންސް
މެދުވެރިކޮށެވެ.



އެމް.އެމް.ޕީ.އާރުސީން  ފަންސާހަށްވުރެ ގިނަ ރަށް ދޫކުރުމުގައި
ކޮރަޕްޝަން ޢަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމުތަގައި އަދީބްގެ މައްޗަށް
ދަޢުވާކުރެއްވުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅުއްވާފައިވެއެވެ.
މީގެތެރެއިން އެއް މައްސަލައިގެ ޝަރީޢަތް ފެށިފައިވާއިރު އެ މައްސަލަ ނިމެންދެން
ބަންދުގައި އަދީބު ބެހެއްޓެވުމަށް ކުރިމިނަލްކޯޓުން ވަނީ އަމުރު ނެރުއްވާފައެވެ.