ކުޅިވަރު

އިންގްލިޝް ޕްރިމިއަރ ލީގު: ޗެލްސީއާއި ނިއުކާސަލްއިން މެޗު ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ނޯވިޗް ސިޓީ ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ. ނޯވިޗްގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

މިއީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗާއި ދެކޮޅަށް އިނގިރޭސި ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައި، ހުރިހާ މުދަލެއް ހިފެހެއްޓިފަހުން ކުޅުނު ފުރަތަމަ މެޗެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިގޮތުން މެޗްގެ ވަރަށް ކުރީކޮޅު ޗެލްސީއިންވަނީ ލީޑު ނަގާފައެވެ. މިލަނޑު މެޗްގެ ތިންވަނަ މިނެޓްގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ ޓްރެވަރ ޗަލޮބާއެވެ. އަދި މެޗްގެ 14 ވަނަ މިނެޓްގައި މޭސަން މައުންޓް ޖަހައިދިން ލަނޑާއެކު ޗެލްސީއިން މިމެޗްގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މިމެޗްގައި ނޯވިޗުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ޓީމޫ ޕޫކީއެވެ. މިމެޗްގައި ޗެލްސީގެ ތިންވަނަ ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ޖަހާދިނީ ކައި ހަވާޓްޒްއެވެ.

މިކާމިޔާބީއާއެކު ޗެލްސީ އަށް މިހާރުވަނީ ކުޅުނު 27 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ނޯވިޗް އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ ފުލުގައެވެ.

ރޭ ނިއުކާސްލް ޔުނައިޓެޑާއި ސައުތެމްޕްޓަން ބައްދަލުކުރިމެޗް ކާމިޔާބުކުރީ ނިއުކާސްލްއެވެ. ސައުތެމްޕްޓަންގެ ދަނޑުގައި ކުޅުނު މިމެޗް ނިއުކާސްލް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާއުފައްދާފައިވަނީ ސައުތެމްޕްޓަންއިންނެވެ. މިގޮތުން މިމެޗގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ސައުތެމްޕްޓަންއެވެ. މިގޮތުން މެޗްގެ 25 ވަނަ މިނެޓްގައި ޖަހާދިނީ ސްޓުއާޓް އާމްސްޓްރޯންގއެވެ. މިމެޗްގައި ނިއުކާސލްއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސް ވުޑްސްއެވެ. އަދި މިމެޗުން ނިއުކާސްލް މޮޅުވި ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހައިދިނީ ބްރޫނޯ ގުއިމަރާއެސްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ލިބި ބޭކާރު ވެގެންދިޔައެވެ.

މިކާމިޔާބީއާއެކު ނިއުކާސްލް މިހާރު ވަނީ ކުޅުނު 27 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ. އަދި ސައުތެމްޕްޓަން ވަނީ 28 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ފަހަތަށް ޖެހިލާފައެވެ.