ކުޅިވަރު

އަނަތާލިޔާ މެރަތަންގައި ކުރިއެރުންތަކެއް ލިބިއްޖެ - ނަސްރު


ތުރުކީގައި ބޭއްވި އަނަތާލިޔާ މެރަތަންގައި ރާއްޖޭގެ ދުވުންތެރިން ކާމިޔާބީތަކެއް ހޯދާފައިވާކަމަށް އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮތް ދިވެހި ދުވުންތެރިޔާ، ނަސްރުﷲ އަހުމަދު ބުނެފިއެވެ. ތުރުކީގައި ބޭއްވި އަނަތާލިޔާ މެރަތަންގައި ރާއްޖެއިން ވާދަކޮށްފައިވާ 4 ދުވުންތެރިންގެ ކޯޗަކީ ނަސްރުއެވެ. ކޯޗްގެ އިތުރުން ނަސްރު ވަނީ މިމެރަތަންގައި ދުވެފައެވެ.

މި މެރެތެންގައި ނަސްރާއި މުޙައްމަދު އިރުފާން ފުލް މެރަތަންގައި ދުވެފައިވާއިރު، ހާފް މެރަތަންގައި ދުވެފައިވަނީ އަހުމަދު ޒިޔާން، ރިޒާން ރަޝީދު، ޔޫސުފް އިބްރާހިމް އަދި އަހުމަދު ޒިޔާން މުހައްމަދެވެ. ފުލް މެރަތަންގައި ދވި ނަސްރު ރޭސް ނިންމާފައިވަނީ 3 ގަޑިއިރު 23 މިނެޓް 18 ސިކުންތުންނެވެ. އަދި މުހައްމަދު އިރުފާން ރޭސް ނިންމާފައިވަނީ 2 ގަޑިއިރު 51 މިނެޓް 51 ސިކުންތުންނެވެ. ހާފް މެރަތަންގައި ދުވި އަހުމަދު ޒިޔާން ރޭސް ނިންމާފައިވަނީ 1 ގަޑިއިރު 24 މިނެޓް 51 ސިކުންތުންނެވެ. އަހުމަދު ޒިޔާން ރޭސް ނިންމާފައިވަނީ 1 ގަޑިއިރު 29 މިނެޓް 6 ސިކުންތުންނެވެ އަދި ޔޫސުފް އިބްރާހިމް ރޭސް ނިންމާފައިވަނީ 1 ގަޑިއިރު، 12 މިނެޓް 31 ސިކުންތުންނެވެ.

މިޓީމްގެ ކޯޗް އަދި ފުލް މެރަތަންގައި ދުވެފައިވާ ނަސްރުﷲ އަހުމަދު ބުނީ ތުރުކީގެ ނަތާލިޔާ މެރަތަންގައި ރާއްޖޭގެ ދުވުންތެރިން ކުރިއެރުންތަކެއް ހޯދައފައިވާކަމަށާއި މިއީ ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ. ނަސްރު ބުނީ މިފަހަރުގެ މިމެރަތަންއަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވުނީ 3 މަސް ދުވަސްކަމަށާއި މިމުއްދަތުގެ ތެރޭގައި ކުރެވުނު ދަރިތަކުރުންތަކާއި އަޅާ ބަލާއިރު، ދުވުންތެރިން ރޭސް ނިންމާފައިވާ ޓައިމިންތަކާމެދު ވަރަށް ހިތްހަމަޖެހޭކަމަށް ނަސްރު ބުންޏެވެ.

ޤައުމީ ދިފާއީ ބާރުގައި މަސައްކަތްކުރާ ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅުގައެވެ. ދުވުމުގެ ތެރެއަށް ރަސްމީކޮށް ނުކުންނަން ނަސްރަށް ހިތްވަރު ލިބުނީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ ތެރެއިން ކުރެވުނު ތަޖުރިބާއިންކަމަށް ނަސްރު ވަނީ ބުނެފައެވެ.

އެ ގޮތުން އެ މުބާރާތުގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނައިގައި އޮވެ، އެ ރޭހުގެ އެންމެ ފަހު 400 މީޓަރުގައި ތަފާތު ހިތްވަރެއް ނެރެ، ކުރިއަށް ޖެހިލި ގޮތަށް ގޮސް، ރޭހުގެ ތިން ވަނަ ނިންމާލިއެވެ. އެއީ އޭނާގެ ވިސްނުން ދިގު ދުވުންތަކާ ދިމާލަށް ދިޔަ ސަބަބުކަމަށް ނަސްރުﷲ ބުނެއެވެ. އެ ވިސްނުމުގައި ކުރިއަށް ޖެހި، 2008 ގައި އޮތް އެމްޓީސީސީ މެރަތަން ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމާއި، ދިގު ރާސްތާ ދުވުންތަކުގެ ތެރެއަށް ރަސްމީކޮށް ވަނެވެ.

މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ ދެ ދުވުންތެރިއަކު ޑާކާ މެރަތަންގައި ވާދަކުރިއިރު، ޓީމުގެ ކޯޗަކަށް ހުރީ ނަސްރުﷲއެވެ.