ކުޅިވަރު

އަތޮޅު ޗެންޕިއަންކަން ގަން، ތިމަރަފުށި، އޭދަފުށި އަދި މާމެންދޫއަށް


މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ރޭ ކުޅުނު މެޗުތައް ލ.ގަމާއި ތ.ތިމަރަފުށި، ބ.އޭދަފުށި އަދި ގއ.މާމެންދޫ އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

ލ. އަތޮޅުޗެންޕިއަންކަން ގަން ހޯދީ ފަހަތުން އަރައި އިސްދޫ 2-1 ލަނޑުން ބަލިކޮށްގެންނެވެ. ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ލ.އަތޮޅު ފައިނަލުގައި ފުރަތަމަ ގޯލު ޖެހީ އިސްދޫ އިންނެވެ. އިސްދޫގެ ކެޕްޓަން ޢަލީ ހުމޭޒް މެޗު ފަށައިގެން ރަނގަޅަށް ކުޅެ، ލީޑުނެގިއެވެ. މި ގޯލު ޖެހީ ގަމު ޓީމުގެ ޢަލީ މީސާގެވެ. ފުރަތަމަ ހާފުގައި ގަމުން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވިއެވެ.

ދެ ވަނަ ހާފުގައި ނުކުމެ، ގަމުން ނަތީޖާ އަނބުރާލީ މޮޅު ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން އެއްވަރުކުރި ގޯލު ޖެހީ ފައިނަލުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ ޝާމިސްއެވެ. ގަމު ޓީމަށް އެތީމު މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ޒައިދާން ޢަބްދުﷲއެވެ. ލ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އިސްދޫ ޓީމުގެ މީސާގެވެ.

އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި އޮމަދޫ ބަލިކުރީ 4 ލަނޑު އެއްލަނޑުންނެވެ. ތިމަރަފުށިން ރޭގެ ފައިނަލަށް ނުކުމެ، ފުރަތަމަ މިނިޓްގައި އޭރިއާތެރެއިން އިސްމާޢީލް މުނީޒް ޖެހި ގޯލުން ލީޑުނެގިއެވެ. އޭގެ ފަހުން އާދަމް ނާސިހު އާއި އިބްރާހީމް އަސްވަދާއި ޢަލީ ޝިފާއު ޖެހި ބޯޅަތައް ކާމިޔާބެއް ނުވިއެވެ. ތިމަރަފުށީގެ ގޯލުގައި ހުރި މުޙައްމަދު ޝަރުހާން ރަނގަޅު ބޯޅަތަކެއް ހުއްޓުވަމުން ދިޔަ ނަމަވެސް އޮމަދޫ އިން ވަނީ ގޯލު ޖަހައިފައެވެ. މިއީ އަހުމަދު ޔާޒީ ނާޒިމް ޖެހި ބޯޅައަކުން ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާދަންނާ ޖެހި ބާރު ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެން ތިމަރަފުށިން އަލުން ލީޑުނެގިއެވެ.

ދެ ވަނަ ހާފުގައި ތިމަރަފުށިން އިތުރު ދެ ގޯލު ޖެހިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އާދަންނާ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އާދަމް ނާސިހުގެ ފުރަތަމަ މެޗެވެ. ތިމަރަފުށީގެ އަނެއް ގޯލު ޖެހީ އަސްވަދެވެ. ތ. އަތޮޅުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މުނީޒެވެ.

ބ. އަތޮޅު ފަހު މެޗުގައި ހިތާދޫ އަތުން އޭދަފުށި މޮޅުވީ 6-0 އިންނެވެ. ބ.އަތޮޅުން ތިން ޓީމު ބައިވެރިވެފައިވާތީ، ޗެމްޕިއަން ހޮވީ ތިން ޓީމު ލީގު ބުރެއް ކުޅެގެންނެވެ. އޭދަފުށި ތަށި އުފުލާލީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. އޭދަފުށްޓަށް ލީޑުނަގައިދިނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހާފިޒް އަހުމަދެވެ.

ދެން އެ ޓީމުގެ ގޯލުތައް ޖެހީ ކެޕްޓަން އަހުމަދު އަޝްރަފް ޔޫސުފް، އަލީ ނަސީމް، އަބްދުﷲ ފާސިރު އާއި މުހައްމަދު ފާސިރެވެ. މީގެ ތެރެއިން އަޝްރަފް ޔޫސުފާއި މުޙައްމަދު ފާސިރު އަދި ޢަބްދުﷲ ފާސިރު ގޯލުތައް ޖެހީ އޭރިއާބޭރުންނެވެ. އޭދަފުށިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ދެ މެޗުގައި ވެސް އެ ޓީމުގެ ކީޕަރު އަލީ އަޖްފާން އަމްޖަދު ވަނީ މޮޅު ބޯޅަތަކެއް ހުއްޓުވައިފައެވެ. ބ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަޝްރަފް ޔޫސުފެވެ.

މާމެންދޫއިން ގއގެ ޗެންޕިއަންކަން ހޯދީ ޕެނަލްޓީގައި ކޮނޑޭ ބަލިކޮށްގެންނެވެ. ޕެނަލްޓީގައި މާމެންދޫ މޮޅުވީ 5ލަނޑު 4 ލަނަޑުނެނެވެ.
ޕެނަލްޓީގައި މާމެންދޫން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލީ އަހުސާމް ހަސަން ދީދީ، މުސީފް އަބްދުލްގަފޫރް، މުޙައްމަދު ޝުހާން، ރައުހާން ރިއްފަތު އަދި ޝަމްވީލެވެ. ކޮނޑޭގެ ފުރަަތަމަ ތިން ޕެނަލްޓީ ޝިފާޒް އާދިލް (ތުއްތު)، އަހުމަދު ވިޖުދާން (ވިޖުއްކޮ) އަދި އިންޝާއު ކާމިޔާބުކުރި އެވެ. އެކަމަކު، ހަތަރު ވަނަ ޕެނަލްޓީ ޖަހަންދިޔަ މުހައްމަދު އިމްތިޔާޒް ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ބޭރުވިއެވެ. އޭގެ ފަހުން، އަބްދުލް ރަހުމާން ކޮނޑޭގެ ފަހު ޕެނަލްޓީ ވެއްދި ނަމަވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

ގއ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހީ ކޮނޑޭގެ ޝިފާޒް އާދިލްއެވެ. ގއ.އަތޮޅުގެ މޮޅު ކުޅުންތެރިއަކީ މުބާރާތުގައި މާމެންދޫ ޓީމުގައި މޮޅަށް ކުޅުނު، ރައުހާނެވެ.

ރޭ ވަނީ ރ. އަތޮޅުގެ ފަހު މެޗާއި ލ އަތޮޅުގެ ފަހު މެޗު ވެސް ކުޅެފައެވެ. ލ އަތޮޅުގެ ފަހު މެޗުގައި ކަލައިދޫ ވަނީ 3-1 އިން މާމެންދޫ ބަލިކޮށްފައެވެ. އަދި އިނގުރައިދޫ ވަނީ ހަތް ލަނޑު ސުން ލަނޑުން އިންނަމާދޫގެ މައްޗަށް ކުރިހޯދައިފައެވެ. ކަލައިދޫގެ ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު އައްސަދު ދެ ގޯލާއި އިބްރާހިމް ނާއިލްއެވެ. މާމެންދޫގެ ހަމައެކަނި ގޯލު ޖެހީ ތާއިފް ގާސިމެވެ. އިނގުރައިދޫގެ އައިހަމް އަހުމަދު ރޭގެ މެޗުގައި ހެޓްރިކެއް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، އެ ޓީމުގެ އިތުރު ގޯލުތައް ޖެހީ ޢަލީ ޝާފިއު ދެ ގޯލާއި މުޙައްމަދު ޖުމާނާއި އަހުމަދު މަޝީދު ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ނިމިފައިވާއިރު، ޒޯން ބުރު ފަށާނީ ހޯމަ ދުވަހުގެރޭގައެވެ.