ކުޅިވަރު

ލީގް ދިފާޢުކުރެވުނީ ކުޅުންތެރިންގެ ހިތްވަރުން - ޒިލާ


‎ގައުމީބާސްކެޓު ލީގު ތަށި ކާމިޔާބުކުރެވުނީ މެޗްގައި ހުރިހާ ކުޅުންތެރިން ދެއްކި ހިްވަރުންކަމަށް ކިންގްސްގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ޒިލާލް (ޒިލާ) ބުނެފިއެވެ. ގައުލީ ލީގް ކިންގްސްއިން ކާމިޔާބުކުރީ އެޓީމާ އެންމެ ވާދަވެރި ޓީރެކްސް ބާސްކެޓް ބޯލް ކުލަބް 3 ޕޮއިންޓްގެ ތަފާތުން ބަލިކޮށްގެންވެ. އެއީ 88 ޕޮއިންޓް 85 ޕޮއިންޓުންނެވެ. ބާސްކެޓް ކުޅުނު ދުވަސްވަރު ޓީރެކްސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި، ނަމަވެސް މިހާރު ކިންގްސްގެ އެސިސްޓަންޓް ކޯޗު މުޙައްމަދު ޒިލާލް (ޒިލާ)ބުނީ މިއީ މީހުން ބަލާހިތްވާކަހަލަ ކުޅުމެއް ކުޅޭ ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗެއްކަމަށެވެ. އަދި މެޗުން މޮޅުވުމުގައި ކިންގްސްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރު ޒިލާ ވަނީ ފާހަގަކޮށްފައެވެ. ޒިލާ ބުނީ މެޗްގެ 3ވަނަ ކުއަޓަރގައި ޓީރެކްސްއިން ލީޑް ނެގުމާއެކު ކުޅުންތެރިންގެ ހިތްވަރަށް ކޮންމެވެސް ވަރެއްގެ ބަދަލްތަކެއް އައިކަމަށާއި ނަމަވެސް މެޗުން މޮޅުވެވޭނެކަމުގެ ޔަގީންކަން އޮތްކަމަށެވެ. އަދި އެއްވެސް އިރެއްގައި ކުޅުންތެރިންނަށް އޮތް އިތުބާރު ނުގެއްލޭކަމަށާއި މެޗްގެ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ކުޅުންތެރިން މެޗް އަނބުރާލާނެކަމުގެ ޔަގީންކަން އޮތްކަމަށް ޒިލާ ބުންޏެވެ.

‎"ކުރިއަށް ގައުމީ މުބާރާތުގައި ކިންގްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ. ކުޅުންތެރިންގެ ނިކުންނާނީ ތަފާތު ރޫހެއްގައި. މިއީ ގައުމީ މުބާރާތަށް ނިކުންނައިރު، ޓީމަށް ލިބުނު ވަރަށް ބޮޑު ހިތވަރެއް. ‎އިންޖަރީން ރަނގަޅުވެ ފިރާ ގައުމީ މުބާރާތުގެ ސެމީގައި ކުޅޭނެ. އުމްރާ އަށް ފަހު އަންފާލް ފައިނަލުގައި ކުޅޭނެ. އެހެންވީމަ ކިންގްސް ވަރުގަދަކޮށް ގައުމީ މުބާރާތަށް ނުކުންނާނީ. ޒިލާ ބުންޏެވެ.

‎ޓީރެކްސް ޓީމްގެ ކޯޗް ޢަލީ ފަޒްލީ ބުނީ މެޗުން ބަލިވީ ފެށުން ގޯސް ވުމުގެ ސަބަބުންކަމަށެވެ. މެޗްގެ ފުރަތަމަ 2 ކުއަޓަރގައި ކުޅެވުނީ އެންމެ ރަގަނޅަށް ނޫންކަމަށެވެ. އަދި މެޗްގެ 3ވަނަ ކުއަޓަރގައި ފަހަތުން އަރާ ލީޑް ލިބުނު ނަމަވެސް، އެލީޑްގައި ހިފެހެއްޓޭ ގޮތް ނުވީކަމަށްވެސް ފަޒްލީ ބުންޏެވެ. ޓީރެކްސްގެ ކޯޗް ފަޒްލީ ބުނީ ލީގް ކާމިޔާބު ކުރަން ބޭނުންވާނަމަ، 4 ޕޮއިންޓްގެ ތަފާތުން ކިންގްސް ބަލިކުރަން ޖެހިފައި އޮތް އޮތުމަކީ ވެސް ކުޅުންތެރިންނަށް އޮތް އިތުރު ޕްރެޝަރެއްކަމަށެވެ. އެކަމަށް ވިސްނައިގެން ކުޅެޖެހުމުންވެސް ކުޅުންތެރިންނަށް އުދަގޫވިކަމަށާއި އަދި އަނިޔާ އާއި ފިޓްނަސް މައްސަލައިގެ ސަބަބުން މެޗްގެ އެންމެ މުހިންމު ވަގުތުގައި ޓީމަށް އުދަގޫތަކާއި ކުރިމަތިވިކަމަށާއި ޓީރެކްސް މިހާ ހިސާބަށް އައީވެސް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލަތި ލައިގެންކަމަށްކަމަށް ޓީރެކްސްގެ ކޯޗް ފަޒްލީ ބުންޏެވެ.

‎"އަސްލު ފުރަތަމަ ކުއާޓާގައި އަހަރުމެންނަށް ތިބެވުނީ ތަންކޮޅެއް ނެގި މަޑުކޮށް. އެތަންކޮޅުން ބޮޑު ލީޑެއް ކިންގްސް އަށް އޮތީމަ އޭތި އަތުލަން ޖެހުނީމަ އެންމެ ބޮޑަށް އުނދަގޫވީ. ދެން ކުޅުންތެރިން ބޮލުގަ އިން ހަތަރު ޕޮއިންޓުން މޮޅުވާން ޖެހޭކަން ވެސް ހަމައެކަނި މޮޅުވާން ޖެހޭ ނަމަ އެތެރެއިން ކުޅެގެން ގެނެވުނީސް. ބޭރުން ކުޅެގެން ޕޮއިންޓްތަކެއް ނަގަން ޖެހުނީމަ މީގަ އުނދަގޫތައް ދިމާވީ.
‎ލީގު ފަށައިގެން މިހާ ހިސާބަށް އައިއިރު ބޮޑެތި ގޮންޖެހުންތަކެއް ދިމާވެއްޖެ ޓީމަށް، އެންމެ ބޮޑަށް ޓީމްގެ އެންމެ ކީ ޕްލޭޔަރު އަދި ކެޕްޓަން ޗިކަނޭ އަށް އަނިޔާވެގެން ސީޒަންގައި ނުކުޅެވުން. މެންޓަލީ ވެސް ވަރަށް އަސަރުކުރި ކަމެއް އެއީ. ޗިކަނޭ ނެތްތަން ފޫ ބައްދަން މުޅި ޓީމް އެއްކޮށް މަސައްކަތް ކުރަން ޖެހުނީ. އެތަން ވަރަށް ބޮޑަށް ދެއްކި" ފަޒްލީ ބުންޏެވެ.

‎ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ޓީރެކްސްގެ ފިލިޕަށެވެ. ލީގުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ކިންގްސްގެ ބެންޑޯ، ޑެކޯރޭ، ރެޕްޓާސްގެ ޖެފްރީ ކޯބީގެ އިތުރުން ބައުސްގެ ޖޭމްސް ސްޓެން ބެކް އަދި ރެޑްވިންގްސްގެ ތޯމަސް މަލިކް ގެރަލްޑެވެ.

‎މިމުބާރާތަށް ފަހު ދެން ކުރިއަށްދާނީ ގައުމީ މުބާރާތުގެ ކުޅުމެވެ. ގައުމީ މުބާރާތުގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފަށާއިރު، ފުރަތަމަ ސެމީ ފައިނަލްގައި ވާދަކުރާނީ ވެސް ކިންގްސް އާއި ޓީރެކްސްއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް 3 ވަނަ ސެމީގައި ނުކުންނާނީ 2 ވަނަ ސެމީ ފައިނަލްގައި ބައުސް އާއި ރެޑް ވިންގްސް ބީސީ ވާދަކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.