ކުޅިވަރު

ކިންގްސްއިން ޓީރެކްސް ބަލިކޮށް ޤައުމީ ލީގު ދިފާޢުކޮށްފި


‎ގައުމީ ބާސްކެޓްބޯޅަ ލީގުގައި ކިންގްސް އެޓީމް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް، ގައުމީ ލީގުގެ ތަށި ދިފާޢުކޮށްފިއެވެ. ކިންގްސްއިން މިތަށި ދިފާޢުކޮށްފައިވަނީ އެޓީމާއި އެންމެ ވާދަވެރި ޓީރެސް ސްޕޯޓްސް ކުލަބް ލީގްގެ ފަހު މެޗްގައި ބަލިކޮށްގެންނެވެ. އެއީ 88 ޕޮއިންޓް 85 ޕޮއިންޓުންނެވެ. ޤައުމީ ލީގުގެ އެންމެ ފަހު ޗެންޕިއަން ކިންގްސްއިން ވަނީ މި ލީގުގައި މޮޅު ކުޅުމެއް ދައްކާފަައެވެ. ލީގުގެ ފަހު މެޗަށް ނިކުތްއިރު، ލީގް ޗެންޕިއަންކަން ޓީރެކްސްއަށް ވެސް ލިބެން އޮތެވެ. އެއީ 4 ޕޮއިންޓްގެ ތަފާތުން ކިންގްސް ބަލިކޮށްގެންނެވެ. ލީގުގައި އެންމެ ފަހުން މިދެ ޓީމް ވާދަކުރި މެޗްގައި ޓީރެކްސް ބަލިވީ 4 ޕޮއިންޓްގެ ތަފާތުންނެވެ.

‎ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅުނު މިފޯރިގަދަ މެޗް ފަށައިގެން މޮޅަށް ކުޅެފައިވަނީ ކިންގްސްއިންނެވެ. ޓީރެކްސްއަށް މެޗް ފެށިފައިވަނީ އެންމެ ރަގަނޅަށް ނޫންކަން ފާހަގަކޮށްލެވެއެވެ. ނަތީޖާއެއްގެ ގޮތުން ކިންގްސްއިން މޮޅަށް ކުޅެ ބޮޑު ލީޑެއް ނެގިއެވެ. ފުރަތަމަ ކުއަޓަރގައި ބިދޭސީ ކުޅުންތެރިޔާ އާލަންޑޯ "ބެންޑޯ" ކުކް އާއި ޑެކޯރޭ ޖޯންސްގެ މޮޅު ކުޅުމާއެކު މެޗްގެ ފުރަތަމަ ކުއަޓަރ ކިންގްސްއިން ނިންމާލީ 8 ޕޮއިންޓްގެ ލީޑަކާއެކުއެވެ. އެއީ 25 ޕޮއިންޓް 17 ޕޮއިންޓުންނެވެ. މެޗްގެ ދެވަނަ ކުއަޓަރގައިވެސް މޮޅަށް ކުޅެފައިވަނީ ކިންގްސްއިންނެވެ. ނަމަވެސް ކިންގްސްއިން ނަގާފައިވާ ލީޑް ބޮޑު ވިޔަނުދީ ޓީރެކްސްއިން ފަހަތުން ވިއްދިއެވެ.

ޓީރެކްސްގެ ބިދޭސީ ކުޅުންތެރިޔާ ފިލިޕް ވުކޮސަޔެވިޗް އާއި އިސްމާއިލް ވިލްދާން ގެ ފަރާތުން ދެވަނަ ކުއަޓަރގައި މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. މެޗްގެ ދެވަނަ ކުއަޓަރ ނިމުނުއިރުގައި ކިންސްއިންވަނީ 51 ޕޮއިންޓް ހޯދާފައެވެ. ޓީރެކްސްއިން ވަނީ 37 ޕޮއިންޓް ހޯދާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޓީރެކްސްގެ ފަރާތުން އެންމެ މޮޅު ކުޅުން ފެނިގެން ގޮސްފައިވަނީ މެޗްގެ ތިންވަނަ ކުއަޓަރގައިއެވެ. އެޓީމުން ވަނީ ހިތްވަރު ދޫކޮށްނުލާ، ތަފާތު މޮޅު ކުޅުމެއްދައްކާ ކިންގްސްއިން ނަގާފައިވާ ލީޑް ޓީރެކްސްއިން ވަނީ ތިންވަނަ ކުއަޓަރ ނިމުނުއިރު، 1 ޕޮއިންޓަށް ކުޑަކޮށްފައެވެ. އެއީ 65 ޕޮއިންޓް 64 ޕޮއިންޓެވެ. ތިންވަނަ ކުއަޓަރގައި ޓީރެކްސްގެ ބިދޭސީ ކުޅުންތެރިޔާ ފިލިޕް ވުކޮސަޔެވިޗާއި އިސްމާޢީލް ވިލްދާން އަދި އަހުމަދު ޒަބީރު (ޒަބީ)ގެ ކުޅުން ފާހަގަކޮށްލެވުނެވެ.

‎މެޗްގެ 3ވަނަ ކުއަޓަރ ނިންމާލީ ފޯމްގައި ޓީރެކްސްއިން ވަނީ މެޗްގެ 4ވަނަ ކުއަޓަރ ފަށާފައެވެ. ރަގަނޅު ފޯމެއްގައި ކުޅެ ޓީރެކްސްއިން ވަނީ 4ވަނަ ކުއަޓަރގެ ކުރީކޮޅުގައި މެޗްގައި ފުރަތަމަ ފަހަރަށް ލީޑްނަގާފައެވެ. ޓީރެކްސްއިން އެންމެ ފަހުގެ ލީގް ޗެންޕިއަން ކިންސްގެ މައްޗަށް 8 ޕޮއިންޓްގެ ލީޑެއް ނަގާފައިވަނިކޮށް، ޓީރެކްސްގެ ބިދޭސީ ކުޅުންތެރިޔާ ފްލިޕްސް ވަރުބަލިވެގެން ބަދަލް ކުރަންޖެހުނު ދަނޑިވަޅުގައި ކިންގްސްއިން ވަނީ ހިތްވަރު އެލުވާނުލާ، އެޓީމުން މެޗްގެ ފުރަތަމަ އަދި 2ވަނަ ކުއަޓަރގައި ދެއްކި މޮޅު ކުޅުން ތަކުރާތުކޮށްފައެވެ.

ފަހު ކުއަޓަރގައި ޓީރެކްސްއަށް ލިބިފައިވާ ލީޑް އެޓީމަށް ގެއްލުނީ ބައެއް އަމިއްލަ މިސްޓޭކްތަކުގެ ސަބަބުންނެވެ. އެއީ ފުލުފުލުގައި ވައްޓަން ލިބުނު ބޯޅަތަކުން ޕޮއިންޓް ނުހޯދިގެންނެވެ. އޭގެ ފައިދާ ނަގައި ކިންގްސްއިން ދިޔައީ ޕޮއިންޓް ހޯދަމުންނެވެ. 4ވަނަ ކުއަޓަރގެ ފަހު ވަގުތު ޓީރެކްސްގެ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިއުމާއެކު، ކިންގްސްއަށް ޕޮއިންޓް ހޯދުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ އެޓީމްއިން މެޗް ކާމިޔާބުކުރިއެވެ. މިއީ ކިންގްސްއިން ގައުމީ ލީގް ޖެހިޖެހިގެން ކާމިޔާބުކުރި 2ވަނަ ފަހަރުއެވެ. އަދި މިއީ ކިންގްސްއިން ގައުމީ ލީގް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.