ޚަބަރު

އެންމެ މަޤުބޫލު ފްރެންޗައިޒް މާސްޓަރ ޝެފް ސްވިޑްންއަށް ދިވެހި ރަހަތައް


ބައިނަލްއަޤުވާމީ ފްރެންޗައިޒް ޝޯވ "މާސްޓަރ ޝެފް ސްވިޑްން" ގެ އެޕިސޯޑެއްގައި ރާއްޖޭގެ ކާބޯތަކެތި ދައްކާލުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބިއްޖެއެވެ.

ސްވިޑްންގެ މާސްޓަރ ޝެފްގެ ޑެސްޓިނޭޝަން އެޕިސޯޑު ޝޫޓްކޮށްފައިވަނީ ރާއްޖޭގެ މީރް އައިލެންޑް ރިސޯޓުގައެވެ. މިފުރުސަތުގައި ރިސޯޓުގެ ފަރާތުންވަނީ ރާއްޖޭގެ ޝެފުންގެ ޖަމްޢިއްޔާކަމަށްވާ ޝެފް ގިލްޑް މޯލްޑިވްސްއާ ގުޅިގެން މާސްޓަރ ޝެފްގެ މިއެޕިސޯޑު ޝޫޓްކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. މާސްޓަރ ޝެފް ސްވިޑްންގެ އެލިމިނޭޝަން މިރައުންޑްގައި ކެއުންތައް ތައްޔާރުކޮށްފައިވަނީ ދިވެހި ރަހަތަކަށް ޚާއްސަކޮށްގެންނެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޝެފް ގިލްޑް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު އާދަމް ވިދާޅުވީ މިއީ ރާއްޖެއަށް ލިބިގެންދާ ވަރަށް ތަފާތު އެކްސްޕޯޝަރއެއް ކަމަށެވެ. އޭނާ ވިދާޅުވީ މި އެޕިސޯޑުގައި ކެއުންތައް ތައްޔާރުކުރުމަށް ބޭނުންކޮށްފައިވަނީ ޢާއްމުކޮށްވެސް ދިވެހިން ކެއްކުމުގައި ބޭނުންކުރާ ތަކެތީގެތެރޭގައި ހިމެނޭ ކާށިކިރާއި ބަނބުކެޔޮ ފަދަ ބާވަތްތައްކަމަށެވެ. އަދި ޝެފް ގިލްޑް މޯލްޑިވްސްގެ ފަރާތުން 6 ޝެފުން މިއެޕިސޯޑު ގެނެސްދިނުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއީ މާސްޓަރ ޝެފްގެ ތާރީޚުގައިވެސް ރާއްޖެއަށް މިފުރުސަތު ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ރަހަތަށް ބޭރު ދުނިޔެއަށް ދައްކާލަން ލިބިގެންދިޔަ މިފުރުސަތުގައި ކެއުންތަކުގައި ނަން ޖަހާފައިވަނީ ދިވެހި ބަހާއި އަދި ދިވެހިންކިޔާ ގޮތަށް ސްވިޑްން ބަހުންކަމަށް ޝެފް މޯލްޑިވްސްއިން ވިދާޅުވެއެވެ. ޚާއްސަ ރެސިޕީގެ ގޮތުގައި މި އެޕިސޯޑުގައި ތައްޔާރުކޮށްފައިވަނީ ކަނޑުކުކުޅު ކަމަށްވެސް އެޖަމިއްޔާއިން ހާމަކުރެއެވެ.

ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް ރާއްޖެއިން އަންނަނީ ބައިނަލްއަޤުވާމީ އެކި ޕްލެޓްފޯމްތަކުގައި ޙަރަކާތްތެރިވަމުންނެވެ. އެހެންކަމުން މާސްޓަރ ޝެފްގެ މިއެޕިސޯޑާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.