ތަޢުލީމު

އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައި ޓީޗަރުން ހަމަަވާނެ


ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައި، ހުރިހާ މާއްދާއަކަށް ޓީޗަރުން ހަމައަށް ތިއްބަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އަތޮޅުތެރޭގެ ސްކޫލްތަކަށް މިއަހަރުވަނީ، ޕްރި ސްކޫލް ތައުލީމުވެސް ތައާރަފް ކުރައްވާފައެވެ. 2016 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށި ސްކޫލްތަކުގައި މިއަދު ކިޔަވައިދޭން ފެށިއިރު އަތޮޅުތަކުގެ ސްކޫލްތައް އެންމެ ޚާއްސަ ވެގެން ދިޔައީ، އެ ސްކޫލްތަކަށް މުޅިން އަލަށް ޕްރީ ސްކޫލް ތަޢުލީމު ތަޢާރަފް ކުރެއްވުމުންނެވެ. ހަމަ އެކަނި ސާނަވީ އަށް ކިޔަވައިދޭ ސްކޫލްތަކާއި، ސިޓީގެ ދަރަޖަ ދެއްވާފައިވާ މާލެ އާއި އައްޑޫސިޓީ ފިޔަވައި އެހެން ހުރިހާ ސްކޫލެއްގައި މިއަހަރު ޕްރީ ސްކޫލް ތަޢުލީމު މިވަނީ ތަޢާރަފް ކުރައްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ، ޕްރީ ސްކޫލް ތަޢުލީމު ފެއްޓެވުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެ ސްކޫލް ތަކުގައި ޤާއިމް ކުރައްވާފައިވާ ކަމަށާއި، އެހެނިހެން ގްރޭޑް ތަކުގެ ދަރިވަރުން ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރެވިފައި ހުންނާނެކަމަށެވެ. 

ސްކޫލްތަކުގެ ކިޔެވުން މިއަދު ފެށިގެން ދިޔައިރު، ހުރިހާ މާއްދާއެއް ކިޔަވައިދެއްވާނެ ޓީޗަރުން އަތޮޅުތެރޭގެ ހުރިހާ ސްކޫލެއްގައިވެސް ތިއްބަވާނެކަން ފާހަގަ ކުރައްވަމުން ސްޓޭޓް މިނިސްޓަރ ޝަފީއު ވިދާޅުވީ، ކިޔަވާ ކުދިންގެ އާބާދީ މަދު ރަށްރަށަށްވެސް ރިސޯސް ޓީޗަރުން ބޭނުން ކުރައްވައިގެން ޓީޗަރުން ހަމަކުރައްވާފައިވާނެ ކަމަށެވެ. އަދި ކިޔަވާ ކުދިންގެ އާބާދީ މަދު ރަށްރަށަށް ތަމްރީނުވެފައި ތިއްބެވި ޓީޗަރުން ލިބުމުގައި ދަތިތަކެއް ހުރިކަމަށް ޝަފީއު ވިދާޅުވިއެވެ.  ޝަފީއު ވިދާޅުވީ، ކޮންމެވެސް ސަބަބަކާހުރެ ޓީޗަރަކު މިއަދު ސްކޫލަށް ޙާޒިރު ނުވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، އެހެންނަމަވެސް ކިޔަވައިދެވޭނެ އިންތިޒާމުތައް ހަޖައްސަވާފައިވާނެ ކަމަށެވެ. އެހެންކަމުން ޓީޗަރުން ނެތޭ ބުނުމުގެ ފުރުސަތު މި އަހަރު ނޯންނާނެ ކަންވެސް ޝަފީއު ފާހަގަކުރެއްވިއެވެ.

2015 ވަނަ އަހަރު އަމަލު ކުރައްވަން ފެއްޓެވި ޤައުމީ މަންހަޖުގެ އާ ބައެއްވެސް މިއަހަރު މިވަނީ ތަންފީޒު ކުރައްވަން ފަށްޓަވާފައެވެ.