ވިޔަފާރި

ލަންކާގެ ރަތުމަލާނަ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް މިމަހު!


ލަންކާގެ ރަތުމަލާނަ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް މޯލްޑިވިއަންއިން މިމަހުގެ 27 ވަނަ ދުވަހު ފަށާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވިއަންއިން ބުނީ މީގެ ފަހުން މޯލްޑިވިއަންއިން ކޮލަމްބޯއަށް މޯލްޑިވިއަން ކުރާ ދަތުރުތައް ކުރާނީ މި އެއާޕޯޓަށްކަމަށެވެ.

ރަތުމަލާނަ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށާއިރު ދެކޮޅު ޓިކެޓުގެ އަގު ހުރީ 299 ޑޮލަރަށެވެ. ރަތުމަލާނަ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެކަމަށް މިދިޔަ އަހަރު މޯލްޑިވިއަން ވަނީ ހާާމަކޮށްފައެވެ. ޤައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ކޮލަމްބޯގެ ރަތުމަލާނަ އެއާޕޯޓަށް ކުރަން ހަމަޖެހިފައިވަނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.

ކޮޅަނބުގެ ބަންޑާރަނައިކަ އެއާޕޯޓާއި އަޅާ ބަލާއިރު މި އެއާޕޯޓަކީ ލަންކާގައި ދިވެހިން އުޅޭ ސަރަހައްދާ ކައިރީގައި އޮންނަ އެއާޕޯޓެކެވެ. އެހެންކަމުން ބަނޑާރަނައިކްއަށް ކުރާ ދަތުރަށް ވުރެ މި އެއާޕޯޓަށް ކުރާ ދަތުރު އަވަސްވާނެއެވެ. މޯލްޑިވިއަންގެ ދަތުރުތަކާއެކު މިއީ 50 އަހަރު ފަހުން މި އެއާޕޯޓަށް ފަށާ ބައިނަލްއަޤްވާމީ ފުރަތަމަ ޝެޑިއުލް ދަތުރެވެ.

ރަތުމަލާނަ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާއިރު، މިއެއާޕޯޓު ޚާއްސަ ކުރަނީ ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ މީހުންނަށްކަމަށް ސްރީލަންކާ ސަރުކާރުން ބުނެއެވެ. އަދި މިހާތަނަށް ފްލައިޓު ޖެއްސުން އިތުރުކުރުމަށް ސަރުކާރުން ވަނީ ގިނަ ފީތަކަށްވެސް ލުއިތަކެއް ދީފައެވެ. އަދި މިއާއެކު ޕްރައިވެޓް ޖެޓު ޕާކިންގެ ޚިދުމަތްވެސް މިއެއާޕޯޓުން ފޯރުކޮށްދޭނެކަމަށް ސްރީލަންކާ ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރަތުމަލާނަ އެއާޕޯޓު ހުޅުވާފައިވަނީ 1938 ވަނަ އަހަރުއެވެ. ނަމަވެސް 1968 ވަނަ އަހަރު ބަންޑާރަނައިކަ އެއާޕޯޓު ހުޅުވުމާއެކު އެ އެއަރޕޯޓަށް ކުރަމުން އައި ދަތުރުތައް މަޑު ޖެހިގެން ދިޔައެވެ. އޭގެފަހުން މި އެއާޕޯޓަށް ކުރަމުން އައީ ޗާޓަރު ދަތުރުތައް އެކަންޏެވެ. މިއީ 1.8 ކިލޯމީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ.