ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ސިޓީ ޖާގަހޯދައިފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ސިޓީ ޖާގަހޯދީ ރައުންޑް އޮފް 16ގައި ސްޕޯޓިންގ ލިޒްބަން އާއި ބައްދަލުކޮށް ފަސް ލަނޑު ސުންލަނޑުގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ފަސް ލަނޑު ސުންލަނޑުން ސިޓީ ކާމިޔާބުކުރިއިރު ސިޓީގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. މިމެޗްގައި ސިޓީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ކަމަށްވީ ނަމަވެސް މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނީ ސިޓީއިންނެވެ. އަދި ސްޕޯރޓިންގ ފުރަތަމަ ލެގްގައި ތަފާތު ބޮޑުކޮށް ބަލިވުމާއި ގުޅިގެން ރޭގެ މެޗްގައި ބޮޑަށް އިސްކަން ދިނީ ޑިފެންސް ކޮށްފަ ލިބޭ ފުރުސަތެއްގައި ހަމަލަ ދޭށެވެ. މިމެޗްގައި ސިޓީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ރަހީމް ސްޓަރލިންގ އަށް ލިބުނުއިރު ގެބްރިއަލް ޖޭސުސް ޖެހި ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ދައްކާފައެވެ.

މިކާމިޔާބީއާއެކު ސިޓީ މިވަނީ މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ޖާގަހޯދާފައެވެ. އަދި މިއީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ ކޯޗް ކަމުގެ ދަށުން ޓީމެއް ކުއާޓަރ ފައިނަލަށް ދަތުރު ކުރި 12 ވަނަ ފަހަރެވެ.