ޚަބަރު

ކިޑްނީ ބަލީގެ ހަގީގަތާމެދު ގިނަބަޔަކު ކުށްހީއެއްގައި!


ރާއްޖޭގައި އެންމެ ޢާއްމުކޮށް ފެންނަ ގައިންގަޔަށް ނާރާ އެއްބައްޔަކީ ކިޑްނީގެ ބައްޔެވެ. ކިޑްނީގެ ބަލީގެ ނުރައްކާލާއި އޭގެ ވޭން މުޅި މުޖުތަމަޢުން އުފުލަމުންދާއިރުވެސް މިބައްޔާއި ބެހޭ ހޭލުންތެރިކަން ކުޑައެވެ. ނަތީޖާއެއްގެ ގޮތުން ބައްޔާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވި ބަލީގެ ޙާލަތު ދެނެގަނެވެނީ އިޔާދަނުކުރެވޭ ވަރަށް ޙާލަތު ގޯސްވެގެންދާ ފަހުންނެވެ. ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ކިޑްނީ ބަލީގެ ދުވަސް ރާއްޖޭގައިވެސް ފަހަގަކުރަމުންދާއިރު މިކުޑަ މުޖުތަމަޢުގައި މިބައްޔާއި ގުޅިގެން ފާހަގަކުރެވޭ އެންމެ ނުރައްކާކަމަކީ ބައްޔާ ގުޅޭގޮތުން ހޭލުންތެރިކަން ކުޑަވުމެވެ.

ކޮންމެ އަހަރެއްގެ މާޗްމަހުގެ 2 ވަނަ ބުރާސްފަތި ދުވަސް ޚާއްސަކުރަނީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ފެންނަ އެއްބަލިކަމަށްވާ ކިޑްނީގެ ބަލިތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ. އެހެންނަމަވެސް މުޅި ހަށިގަނޑުގެ ހިނގުމާއި ސީދާގޮތުން ގުޅިފައިވާ އެންމެ މުހިއްމު އެއް ގުނަވަން ފެއިލްވެގެންދާއިރުވެސް ހިލަމެއް ނުވާއިރު ދިރިއުޅުމުގެ އާދަކާދަތައް ހުރީ ބައްޔަށް ހުށައެޅުމާއި ކިހާ ގާތުގައިކަންވެސް ގިނަ މީހުންނަށް ނޭނގެއެވެ. ކިޑްނީ ބަލި ރާއްޖޭގައި އިތުރުވެފައިވާއިރު މިބައްޔާ ދެކޮޅަށް ރާއްޖޭގެ ޑޮކްޓަރުން ކުރަންޖެހޭ އެންމެ ބުރަ މަސައްކަތަކީ ބައްޔާއި ގުޅޭގޮތުން ހުރި ނޭނގޭކަންކަން ބުނެދީ ހޭލުންތެރިކުރުވުމެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ސިނިއާ ކޮންސަލްޓަންޓް އިން ނެފްރޮލޮޖީ ޑރ.އިބްރާހިމް ޝިހާމް ވިދާޅުވީ ބަލީގެ ހޭލުންތެރިކަން ސިޔާސަތު ކަނޑައާޅާ ހިސާބުން ފެށިގެން މުޖުތަމަޢުގެ ހުރިހާ މީހުންގެ މެދުގައިވެސް ކޮންމެވެސް ގޮތެއްގައި ހުރިކަމަށެވެ. އެހެންކަމުން މިއަހަރުގެ ދުވަހުގެ އެންމެ މައިގަނޑު ޝިޢާރަކީ ކިޑްނީގެ ދުޅަހެޔޮކަމުގެ މަޢުލޫމާތު އެންމެނަށް ފޯރުކޮށްދިނުންކަމަށް ޑރ.ޝިހާމް ވިދާޅުވިއެވެ.

ކިޑްނީއާއި ކިޑްނީ ބަލީގެ ކުށްހީތައް

ހަށިގަނޑުގެ އެންމެ މުހިއްމު އެއްގުނަވަނަށް ކިޑްނީ ވާއިރުވެސް ގިނަ މީހުންނަށް އެނގިފައި އޮންނަނީ ކިޑްނީގެ މަސައްކަތަކީ ހަމައެކަނި ލޭސާފުކުރުންކަންކަމަށް ޑރ.ޝިހާމް ވިދާޅުވިއެވެ. އެހެންނަމަވެސް ކިޑްނީއަކީ ހަށިގަނޑުގެ ލޭ ވަކި މިންވަރެއްގައި ހިފެހެއްޓުމާއި ލޭގެ ހިމަގްލޮބިން ހިފެހެއްޓުމާއި ލޭގެ ޕްރެޝަރ ހިފެހެއްޓުމާއި ހަށިގަނޑުގަ ފެން، ލޮނު، ވިޓަމިން ވަކި މިންވަރެއްގައި ހިފެހެއްޓުމުގެ އިތުރުން ކަށީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްވެސް ކިޑްނީގެ ދައުރު މުހިއްމެވެ.

ކިޑްނީގެ ބަލިތަކަށް ފަރުވާ ރާއްޖޭގެ ހަމައެކަނި ސްޕެޝަލިސްޓް ޑޮކްޓަރ ވިދާޅުވީ ބަލި މީހުންގެ މެދުގައިވެސް އަދި މުޖުތަމަޢުގައިވެސް އެންމެ ބޮޑަށް ޤަބޫލުކުރެވިފައި އޮންނަ އެއް "މިސްކޮންސެޕްޝަން"އަކީ ކިޑްނީގެ ބަލި ޖެހެނީ އުމުރުން ދުވަސްވުމުންކަމަށެވެ. އެހެންނަމަވެސް މިއީ ހަގީގަތެއް ނޫންކަމަށާއި ކިޑްނީގެ ބަލިތަކަށް ކުޑަކުދިންނާއި ޒުވާނުންވެސް ހުށައެޅޭކަން ޑރ.ޝިހާމް ފާހަގަކުރެއްވިއެވެ.

"ހަގީގަތުގައި ބަލީގެ ނުރައްކާ ބޮޑު މިންވަރަކީ މިއީ ގިނަ މީހުންނަށް ޖެހޭ ނަމަވެސް ބަލި ދެނެގަނެވެނީ ވަރަށް ބޮޑަށް ވަގުތު ފާއިތު ވާފަހުން. ސަބަބަކީ މިއީ ސައިލެންޓް ޑިޒީޒްއެއް. ޢަލާމާތެއް ނުފެންނާނެ ބަލީގެ ވަރަށް ފަހުކޮޅު ނޫނީ. އެހެންވެ ހީވަނީ އަސްލު ބަލި ޖެހެނީ އުމުރުން ދުވަސްވާ ފަހުންނޭ." ޑރ.ޝިހާމް ވިދާޅުވިއެވެ.

ކިޑްނީގެ ބަލިތަކަށް މީހުން ހުށައެޅޭ ސަބަބުތައް ދިރިއުޅުމުގައި ވަރަށް ބޮޑަށް އަށަގަނެވިފައިވާއިރު ޑރ.ޝިހާމް ވިދާޅުވީ ގިނަ މީހުންނަށް އެއީ ރިސްކް ފެކްޓަރއެއްކަންވެސް ނޭނގިދާކަމަށެވެ. މީގެތެރެއިންވެސް އެންމެ ކަންބޮޑުވާކަމަކީ ކާބޯތަކެތީގައި ލޮނައި ހަކުރު ބޭނުންކުރެވޭ މިންވަރު އިތުރުވުންކަމަށް ޑރ.ޝިހާމް ވިދާޅުވިއެވެ. އެގޮތުން ތުއްތު ކުދިންގެ މެދުގައި އިންޓަވަލްއަށާއި އެނޫންވެސް ގަޑިތަކުގައި ބޭނުންކުރެވޭ ތައްޔާރީ ބުއިންތަކުގައި ހަށިގަނޑާ ނުބައްދަލު މިންވަރަށް ހަކުރު ހުންނައިރު އެއީ ކިޑްނީގެ މަސައްކަތް ވަރަށް ބުރަކޮށްލާ ނުރައްކާ އާދައެއްކަމަށް ޑރ.ޝިހާމް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ތައްޔާރީ ކާނާއާއި ދަޅުފަދަ ތަކެތީގައި ބަންދުކޮށްފައި ހުންނަ މަހުގައިވެސް ގިނަ ޢަދަދެއްގެ ލޮނު ހިމެނޭއިރު އެކަމުގެ މަޢުލޫމާތު ހުންނަނީ ވަރަށް މަދު މީހެއްގެކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

ޢާއްމުކޮށް ރާއްޖެއިން ކިޑްނީ ބަލި ޖެހިގެން ދައްކާ މީހުންގެ ތެރޭގައި ލޭމައްޗަށް ދިޔުމާއި ހަކުރު ބައްޔަށް ހުށައެޅުމާއި ބަރުދަން ހުންނަންޖެހޭ ވަރަށްވުރެ ބަރުވެ، ފަލަބަލި ޢާއްމުކަން ޑރ.ޝިހާމް ފާހަގަކުރެއްވިއެވެ. އަދި މިއީ ގިނަ މީހުންނަށް ނޭނގުނު ނަމަވެސް ކިޑްނީގެ މަސައްކަތް އިތުރުކޮށް ކިޑްނީގެ ބައްޔަށް ވާރުތަކުރާ ބަލިތަކެވެ. މީގެއިތުރުން ޒުވާނުންގެ މެދުގައި ޚާއްސަކޮށް އިތުރުވަމުންދާ ގުޑުގުޑާގެ އާދައަކީ އޭގެ ނުރައްކާ މިވަގުތު ނުފެނުނަމަވެސް ކައިރި މުސްތަޤުބަލެއްގައި އޭގެ ބިރުވެރިކަން ފެންނާނެ އާދައެއްކަމަށް ޑޮކްޓަރވަނީ ފާހަގަކުރައްވާފައެވެ.

"ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަގަކަދައްކަވަމުން އައިޖީއެމްއެޗްގެ ކިޑްނީ ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރ ޑރ.ފާތުމަތު ސީމާ ވިދަޅުވީ ކިޑްނީގެ ބަލި ހުރިކަން ޢާއްމުކޮށް ދެނެގަނެވެނީ އިތުރު ބައްޔަކަށް މީހާ ހުށައެޅިގެން ފެންނަ އަލާމާތްތަކުންނެވެ. އެގޮތުން ފައި ދުޅަވުމާއި ލޭ މާބޮޑަށް މައްޗަށް ގޮސްގެން ބޮލުގައި ރިހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން މިއީ ފެނިދާނެ ޢަލާމަތްތައްކަމަށެވެ. އަދި މީހުންނަށް ނޭނގޭ ކަމެއްގެ ގޮތުގައި ކުޑަކަމުދާ ތަކެތީގައި ޕްރޮޓިން ގިނަވުމުގެ ސަބަބުން ކުޑަކަމުދާއިރު ފޮނުގޮތަށް ހުރުމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ނަގަންޖެހޭކަމެއްކަމަށް ޑރ.ސީމާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިއީ ޢާއްމުކޮށް ޓެސްތުތަކުން އިނގޭނެކަތައްތައްކަންވެސް ފާހަގަކުރެއްވިއެވެ.

"މިދުވަހާ ގުޅިގެން އައިޖީއެމްއެޗްގައި ސްކްރީންކުރުން ކުރިއަށްދާނެ. އަދި ބައްޔާ ގުޅޭ މަޢުލުމާތުވެސް ފޯރުކޮށްދެވޭނެ ޢާއްމުންނަށް. ރިސްކް ފެކްޓަރއެއް ހުންނަ ފަރާތެއްނަމަ އަމިއްލައަށް އިސްނަގައިގެން ބެލުން މުހިއްމު." ޑރ.ސީމާ ވިދާޅުވިއެވެ.

ކިޑްނީގެ ބަލިތަކާއި ގުޅޭގޮތުން ފާހަގަކުރެވޭ އެންމެ ބޮޑު ކުށްހީއަކީ ކިޑްނީ ހަދިޔާ ކުރުމާއި ގުޅޭގޮތުން އޮންނަ ވިސްނުންކަމަށް ޑޮކްޓަރުން ފާހަގަކުރައްވައެވެ. އެގޮތުން ކިޑްނީ ހަދިޔާކުރުމަކީ ތިމާ ނުކުޅެދޭ މީހަކަށް ވެދާނެ ނުވަތަ ހަށިގަނޑަށް އުނިކަމެއް އައިސްދާނެކަމެއްގެ ގޮތުގައި ޤަބޫލުކުރެވިފައި އޮތުމަކީ މިބައްޔާ ދެކޮޅަށް އޮތް އެންމެ ބިޑު ހުރަސްކަމަށް ޑރ.ޝިހާމް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށާއި ކިޑްނީ ހަދިޔާކޮށްފައިވާ އެތައް ބަޔަކު ދުޅަހެޔޮ ޙަޔާތެއް ވޭތުކުރަމުންދާކަން ޑރ.ޝިހާމް ފާހަގަކުރެއްވިއެވެ.

ފަރުވާތެރިވާންވީ ކާކު؟

ޢާއިލާގައި ކިޑްނީގެ މައްސަލަތައް ހުންނަ މީހުން ތިބޭނަމައެއީ ކިޑްނީގެ ބަލި ވާރުތަވުމުގެ ރިސްކް ފެކްޓަރއެކެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމާއި ޑޮކްޓަރުގެ އިރުޝާދާނުލާ ބޭސް ބޭނުންކުރުމަކީވެސް ބައްޔަށް ހުށައެޅޭ ސަބަބެކެވެ. ކިޑްނީގެ ބަލިތަކަށް ފަރުވާ ދިނުމަށް ރާއްޖޭގައި ގިނަ ގޮންޖެހުން އެބަހުއްޓއެވެ. މިވަގުތުތވެސް އައިޖީއެމްއެޗްގައި 120 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް ބަލީގައި ކިޑްނީގެ ފަރުވާ ހޯދަމުންދިޔަ ގިނަ ބަޔަކުވަނީ ނިޔަވެފައިކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ކިޑްނީއަކީ މުހިއްމުވާ ސަބަބަކީ އީޖާދީ ވަޞީލަތްތައް ބޭނުންކޮށްގެންވެސް ކިޑްނީ އިން ކުރާ މަސައްކަތް އަދިވެސް ނުކުރެވޭތީއެވެ. ޑައިލިސިސްގެ އެހީގައި ހަޑިގަނޑުގައި އުފައްދާ ވިހަ އެކި މައްދާތަކާއި ފެން ނަގާއިރު އޭގެއިން ކިޑްނީއިން ކުރާ މަސައްކަތުގެ 20 އިންސައްތަވެސް އަދާނުކުރެވެއެވެ. އެހެންކަމުން ކިޑްނީއަށް ރައްކާތެރިވާންޖެހެއެވެ. ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ތުއްތު އިރުންފެށިގެންވެސް ފިޔަވަޅުތައް އެޅުމަށް މައިންބަފައިންވެސް އިސްކަންދޭންއެބަޖެހެއެވެ. ޒުވާނުންގެ މެދުގައި ޢާއްމުވަމުންދާ ޝީޝާގެ އާދައާއި ވެސް ދެކޮޅު ހަދަން އެބަޖެހެއެވެ. ނާއުއްމީދުވެފައިވާ ޙަޔާތަކަށް އާއުއްމީދެއް ނެގެސްދިނުމަށްޓަކާ ކިޑްނީ ހަދިޔާ ކުރުމަކީ މައްސަލައެއް ނެތް ރަޙުމަތުން ފުރިގެންވާ ޢަމަލެއްކަމަށް ޤަބޫލުކުރަންވެއްޖެއެވެ. ބަލީގެ ޝިކާރައަކަށް އެކަކުވީނަމަވެސް އޭނާގެ ވަށައިގެންވާ މީހުންނާއި މުޅި ދައުލަތުގެ ޚަރަދު ސަލާމަތްކުރުމަށްވެސް މިބައްޔާމެދު ހުޝިޔާރުވާންޖެހެއެވެ.