ކުޅިވަރު

މުލަކާއި، ހިންނަވަރާއި، މާމިގިލިން އަތޮޅު ޗެމްޕިއަންކަން ހޯދައިފި


މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގައި ރޭ ކުޅުނު މެޗުތަކުގެ ޗެންޕިއަންކަން، މ.މުލަކާއި ޅ. ހިންނަވަރާއި، އދ.މާމިގިލިން އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

އދ. އަތޮޅު ފައިނަލުގައި މާމިގިލިން އޮމަދޫ ބަލިކުރީ 4 ލަނޑު ދެލަނޑުންނެވެ. ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި މާމިގިލި ޓީމުން އޮމަދޫ ކޮޅަށް މޮޅު ކުޅުމެއް ދެއްކިއެވެ. މާމިގިލީގެ ގޯލުތައް ޖެހީ މުހައްމަދު އަތީފް، މޫސާ ހަސަން ފުޅު، ހައިޝަމް އަރީފް އަދި ޕެނަލްޓީ އަކުން އަހުމަދު ނިޒާމެއެވެ. އޮމަދޫން ޖެހި ފުރަތަމަ ގޯލް ޖެހީ އިސްމާއިލް ސައީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ގޯލު ޖެހީ އޮމަދޫގެ ޢަލީ އަޒުމީއެވެ.
އދ އަތޮޅުގެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މާމިގިލި ޓީމުގެ ހައިޝަމެވެ.

މ. އަތޮޅު ފައިނަލުގައި ދިއްގަރުގެ މައްޗަށް މުލައް ކުރިހޯދީ 2-0 އިންނެވެ. ދިއްގަރު އަތުން މުލައް މޮޅުވިއިރު، މުލަކު ގޯލްތައް ޖެހީ ޔަސްފާދު ހަބީބާއި ސުޖުއާން ހުސެއިނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިއަކީ ޔަސްފާދެވެ. އެންމެ ގިނަ ގޯލު ޖެހީ ދިއްގަރުގެ އަދުހަމް ހަލީލެވެ.

ހިންނަވަރުން ޅ.އަތޮޅުގެ ތަށި އުފުލާލީ ކުރެންދޫ އަތުން 3-1 އިން މޮޅުވެގެންނެވެ. ޅ.އަތޮޅުން ބައިވެރިވެފައިވަނީ ދެ ރަށް ކަމަށްވާތީ ދެ ރަށުގެ ދެ މެދުގައި ކުޅެން ނިންމީ ދެ މެޗެވެ. ފުރަތަމަ މެޗުގައި ހިންނަވަރާއި ކުރެންދޫ ލަނޑެއް ނުޖެހިވީ އެއްވަރެވެ. އަދި ރޭގެ މެޗުން މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު އޮތީ ފަހިވެފައެވެ. ހިންނަވަރުގެ ގޯލުތައް ޖެހީ ހުސެއިން މުޙައްމަދު، ޢަލީ އަކްރަމާއި ހުސެއިން އައްފާޝެވެ. ކުރެންދޫގެ ހަމައެކަނި ގޯލު ޖެހީ މުޙައްމަދު ރަފްހާން ޢަބްދުލް ޣަނީއެވެ.

ރޭ ވަނީ ގދ. އަތޮޅުގެ ލީގު ބުރުގެ ފަހު ދެ މެޗެވެ. ގދ.އަތޮޅުގެ ތަށި ވަނީ ފުރަތަމަ ކުޅުނު ހަތަރު މެޗުން މޮޅުވެގެން ވާދޫ އިން ހޯދައިފައެވެ. ރޭ ކުޅުނު ދެ މެޗަށް ބަލާއިރު، ގައްދޫ އަތުން ހޯޑެއްދޫ ވަނީ 5-2 އިން މޮޅުވެފައެވެ. އަދި ތިނަދޫ އިން ވަނީ މަޑަވެލި އަތުން 8-4 އިން މޮޅުވެފައެވެ.

ހޯޑެއްދޫގެ މެޗުގައި އެ ޓީމުގެ ކެޕްޓަން އާދަމް ލަރީފް (ރޮނާ) ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވިފައެވެ. އަނެއް ގޯލުތައް ޖެހީ މުޙައްމަދު ފާރިހު ފާއިޒް، ސައިން އަސްލަމް އަދި އަޙުމަދު ޝާނިއު އަބްދުލްޣަނީއެވެ. ގައްދޫގެ ގޯލުތައް ޖެހީ އާލިމް ޢަބްދުލްއަޒީޒާއި އަންނު ޢަބްދުﷲއެވެ. ތިނަދޫގެ ހުސެއިން ޢަލީ ވަނީ މަޑަވެލި ކޮޅަށް ހެޓްރިކެއް ހަދައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފައެވެ. ތިނަދޫގެ އަނެއް ގޯލުތައް ޖެހީ އިބްރާހީމް ސަނޫން، އިބްރާހީމް ހުސެއިން، މުޙައްމަދު ޝިމާދު އާއި އަޙުމަދު ޢަބްދުލްއަޒީޒެވެ. މަޑަވެލީގެ ގޯލުތައް ޖެހީ ނާއިފް ޝަފީގް، ސަމާހު އަންވަރު، ޢަބްދުﷲ ހަސަން އަދި މުޙައްމަދު ސާއިފެވެ.

ގދ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހީ ރޮނާއެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫ ޓީމުގެ މުޙައްމަދު މުސައްނިފެވެ.