ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ނ.އަތޮޅު ތެރޭގައި ހައްލުކުރުމަކީ އަތޮޅު ކައުންސިލްގެ އެންމެ ބޮޑު އަމާޒުކަމުގައި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅު ކައުންސިލުން ވިދާޅުވީީ އަތޮޅުތެރޭގައި އިސްރާފުވެ ބާކީވެ އުކާލާ ތަކެތިން އުފެދޭ ކުނީގެ ސަބަބުން ތިމާވެއްޓައް ލިބިދޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ރަށްތަކާއި ފަޅު ރަށްތަކުގެ އިތުރުން ރިޒޯޓްތައް ސާފުކުރުމުގެ ޕްރޮގްރާމެއް މިއަހަރުތެރޭގައި ފެށިގެންދާނެކަމަށެވެ.
ނ.އަތޮޅު ތެރޭގައި އިސްރާފުވެ ބާކީވެ އުކާލެވޭ ތަކެއްޗާ ސާމާނު މަދުކޮށް، އަލުން އިގްތިސާދުތެރެއަށް އަނބުރާ ގެނެސް ބޭނުންކުރުން އިތުރުކުރުމަށް ކަނޑައަޅާފައިވާ ޕްލޭން ހިންގުމުގައި ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ސޮނެވާ ނަމޫނާއާއެކު ނ.އަތޮޅު ކައުންސިލުން ވަނީ މިމަހު އެމްއޯޔޫއެއްގައި ސޮއެކޮށްފައެވެ.
މި ކެމްޕެއިންއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ މި ޕްރޮގްރާމްގެ އެންމެ ބޮޑު މަޤްޞަދަކީ އިސްރާފްވެ ބޭކާރުވިގެންދާ ކުނި ނަގައި، އަލުން ބޭނުންކުރެވޭނެ ގޮތެއް ހެދުންކަމަށެވެ.
ބަޝީރު ވިދާޅުވީ މި ކެމްޕެއިންގައި ސްކޫލްތަކުގެ ކުދިންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންވެސް ބައިވެރިވާނޭކަމަށެވެ. އަދި މީގެ އިތުރުން މި ކެމްޕެއިންގެ ދަށުން ވިޔަފާރިވެރިންވެސް މިކަންކަމަށް ސަމާލުކަން އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށް ބަޝީރު ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ތެރޭގައި ފެންފުޅިވެސް ގަނެފަ ހަމަ ފުޅި އެއްލާލަނީ. އެހެންވީމަ ވިޔަފާރިވެރިންނަށް ދޭން ބޭނުންވަނީ ފިލްޓަރެއް ނޫނީ ކޮންޓެއިނަރެއްގަ ފެން ވިއްކޭން އެހެން ސަޕްލައިރެއް. އެގޮތުން ކޮންޓެކްޓާއި އެބޭފުޅުންނާއިއެކު އެވިޔަފާރިކުރެވޭނެ ގޮތެއް ހޯދައިދިނުން. މިކަން ފެށޭގޮތެއް ނުވެއްޖެނަމަވެސް މިކަން ރަށްތަކުގައި ފެށުމަށް މަގުފަހިކުރުން އެއީ ކައުންސިލްގެ އަމާޒެއް" ބަޝީރު ވިދާޅުވިއެވެ.
މި ކެމްޕެއިންގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންނުކުރެވޭ ޒާތުގެ ކުނި މެކޭނިކަލް ކޮމްޕޯސްޓިންގެ ދަށުން ނައްތާލައި، ރީސައިކަލް ކުރެވޭ ތަކެތި ވަކިކުރެވިގެންދާނެއެވެ. އަދި މި މަސައްކަތް އެންމެ ރަނގަޅުގޮތުގައި ކުރުމަށް އަތޮޅުތެރޭގެ ރަށްރަށުގެ ކައުންސިލާއި ގުޅިގެން މަޝްވަރާތައް ކުރަމުންދާކަމަށްވެސް އަތޮޅު ކައުންސިލުން ފާހަގަކުރެއެވެ.
ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލުން މަސައްކަތްކުރާއިރު މިކަމަކީ މިހާރުވެސް ނ. އަތޮޅުގައި ކުރަމުން އަންނަކަމެކެވެ. އެގޮތުން ސޮނެވާއާއެކު ކުޑަފަރި، ޅޮހީ އަދި މަގޫދޫގައި މިހާރުވެސް އަންނަނީ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.