ޚަބަރު

ހުޅަނގުފަރާތުގައި ހަދާ އާޓިފިޝަލް ބީޗް މި މަހު ހުޅުވާނެ


މާލޭގެ ހުޅަނގު ފަރާތުގައި ހަދަމުންދާ އާރޓިފިޝަލް ބީޗާއި އެކު އެ ސަރަހައްދުގެ މަލަމަތި މިހާރު ފެންނަނީ މުޅިން ތަފާތުކޮށެވެ. މީގެ ހަތަރުވަރަކަށް މަސްކުރިން އެތަނުގައި ތަރައްޤީ ކުރަންފެށި ބީޗްގެ މަސައްކަތް ނިންމާ މިމަހުގެ ފަހުކޮޅު އެތަން ހުޅުވުމަށް މަސައްކަތް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެ ސަރަހައްދު މިހާރު ސިފަވަމުން އަންނަނީ ރާޅު ބީއްސަމުން އަންނަ ރާއްޖޭގެ ހިތްގައިމު ރަށެއްގެ ގޮޑުދޮށްހެންނެވެ.މާލޭގެ ހުޅަނގު ފަރާތަށް މިހާރު ގޮސް ބަލާލުމުން ބީޗެއްގެ ކުލަތައް ފެންނަމުންދެއެވެ. މޫދަށް އެރޭނެ ބޮޑު ސަރަހައްދެއް ހަދައި މިހާރު ވަނީ ނިންމާފައެވެ. އެތަނުގެ ވަށައިގެން ރުއްގަސްތައް އިންދާ މުޅި ސަރަހައްދުން ރަށެއްގެ މަލަމަތީގެ ކުލަ ޖެއްސުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ހައުސިންގ މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. އާޓިފިޝަލް ބީޗް ރަސްމީކޮށް ހުޅުއްވާނެ ދުވަހެއް އިޢުލާން ނުކުރެއްވި ނަމަވެސް ހައުސިން މިނިސްޓަރ ވިދާޅުވީ، ހަފްތާއެއްހާ ދުވަސްފަހުން އެތަން ހުޅުއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މޫދަށް އެރޭ ސަރަޙައްދަށް ވެލި އެޅުއްވުމުގެ މަސައްކަތް މިޙާރު ކުރިއަށް ގެންދަވާއިރު، އެ ސަރަހައްދުގެ ލޮނުގަނޑު ޓެސްޓުކުރެއްވުމުގެ މަސައްކަތްވެސް މިހާރުވަނީ ނިންމަވާފައެވެ. އަދި މޫދަށް އެރޭ ސަރަޙައްދުގެ މެދުގައި ހައްދަވާ ޕެވިލިއަންގެ މަސައްކަތް މިހާރު ފަށްޓަވާފައިވާއިރު، ބީޗް ހުޅުވިތާ މާގިނަ ދުވަހެއްނުވެ އެ ޕެވިލިއަންގެ މަސައްކަތް އެއްކޮށް ނިމި ބޭނުންކުރެވޭނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. މި ޕެވިލިއަންގައި، ފެންވަރާތަނަކާއި، ފާޚާނާއަކާއި، ކުޑަކުދިން ބަލަހައްޓަން ޚާއްސަތަނެއްގެ އިތުރުން ކެފޭއަކާއި ރެސްޓޯރެންޓެއްވެސް ހެއްދެވުމަށްވަނީ ނިންމަވާފައެވެ. ޕެވިލިއަންގައި ހުންނަ ރެސްޓޯރަންޓުން މަގުގެ އަނެއްފަޅިއަށް ދެވޭގޮތަށް އޯވާރ ބްރިޖެއްވެސް ހުންނާނެ ކަމަށް ހައުސިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ބީޗްގެ ދެކޮޅުގައި ހައްދަވާ ފިޝިންގ ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމްގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މީގެ އިތުރުން ބާބަކިއު ހަދާނެ ވަކި ސަރަޚައްދެއްވެސް އެތަނުގައި ހުންނާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ހުޅަނގުފަރާތުގެ މަލަމަތި ބަދަލުވެގެންދާ މި މަޝްރޫއުގެ ހުރިހާކަމެއް ފުރިހަމަވެ މުޅި ބީޗް މަޝްރޫއު ނިންމުމަށް ޓާރގެޓް ކުރައްވާފައިވަނީ މި އަހަރުގެ މެދުތެރޭގައެވެ.