ކުޅިވަރު

ފަހަތުން އަރާ ޔޫވީ ބަލިކޮށް މާޒިޔާއިން ތާވަލްގެ އެއްވަނައިގައި 3 ޕޮއިންޓްގެ ލީޑެއް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ޔުނައިޓަޑް ވިކްޓްރީ ބަލިކޮށް މާޒިޔާއިން ލީގުގައި މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއިން ޔޫވީއާއި ވާދަކުރި މިމެޗް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ. މިމެޗުން މޮޅުވުމުން މާޒިޔާއިން ވަނީ ލީގު ތާވަލްގެ އެއްވަނައިގައި 3 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މާޒިޔާއަށް 5 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ދެވަނައިގައިވާ ކުލަބް ވެލެންސިޔާއަށް 5 މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ.

މެޗް ފަށައިގެން މޮޅަށް ކުޅެފައިވަނީ މާޒިޔާއިންނެވެ. އެގޮތުން އެޓީމުގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓަށް ލިބުނު ފުރުސަތާއި ހައިޝަމް ހަސަންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މިދެ ކުޅުންތެރިންނަށް ވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މާޒިޔާއިން ގޯލެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތުގައި އެޓީމާއި އަލަށް ގުޅުނު ޓާނާ ޑޮމިނިގޭޒް ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަވަނީ ދިޔައީ ގޯލާއި ސީދާ ނުވެ، ބޭރަށެވެ. މެޗްގެ ފުރަތަމަ ހާފްގައި މާޒިޔާއިން މޮޅަށް ކުޅެމުންދަނިކޮށް، މެޗްގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑްނެގީ ޔުނައިޓަޑް ވިކްޓްރީއިންނެވެ. އެޓީމަށް ލިބުނު ފުރުސަތެއްގައި ޔޫވީއަށް މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 25ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކިރްގިސްތާންގެ މިޑްފިލްޑަރު އެނަޓޯލީ ވްލާސިޗޭވްއެވެ. މިއީ ޔޫވީއަށް ލިބުނު ހިލޭ ޖެހުމަކުން ޓޯނީ ކާމިޔާބުކުރި ލަނޑެވެ.

ލީގުގައި މާޒިޔާއިން މިހާތަނަށް ފަސް މެޗް ކުޅެފައިވާއިރު، މިއީ މާޒިޔާ ކޮޅަށް ވަތް ފުރަތަމަ ގޯލެވެ. ޔުނައިޓަޑް ވިކްޓްރީއިން ލީޑް ނެގުމާއެކު މާޒިޔާއިން ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ފެށިއެވެ. މާޒިޔާއަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ ބިދޭސީ ފޯވާޑް ކޯނޭއަށެވެ. ޔޫވީގެ މޫސާ އަޒީމް ހަސަން ކުރި ފައުލަކާއި ގުޅިގެން ރެފްރީ މުޙައްމަދު ސާތިރުވަނީ މާޒިޔާއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ކޯނޭ ފޮނުވާލި ޕެނަލްޓީ ވަނީ ޔުނައިޓަޑް ވިކްޓްރީގެ ކީޕަރު އަނަފް މަތަކޮށްފައެވެ. މާޒިޔާއިން އެޓީމްގެ އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުންވަނީ އިބްރާހިމް މަހުދީގެ ބަދަލްގައި އަސަދުﷲ ޢަބްދުﷲ ކުޅެން އަރުވާފައެވެ.

އަސަދުﷲ ކުޅެން އެރުމާއެކު މާޒިޔާގެ އެޓޭކް ވަރުގަދަ ވެގެންދިޔައެވެ. ގޯލް ކުރިމައްޗަށް ހުރަސްވެގެންދިޔަ ބޯޅައެއް އަސަދުﷲ ޢަބްދުﷲ ބޮލުން ޔޫވީގެ ގޯލާއި ދިމާލަށް ފޮނުވާލި ނަމަވެސް، ޔޫވީގެ ކީޕަރު އަނަފް ވަނީ ގޯލް ރޮގުމަތިން ކަހަލަގޮތަކަށް އެެބޯޅަ ދިފާޢުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމެން 5 މިނެޓަށް ވެފައިވަނިކޮށް މާޒިޔާއިން ގޯލެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޒިޔާގެ ސާބިއާ ޑިފެންޑަރު ނެމަންޔާ ކާޓާލްއެވެ. މިއީ ޔޫވީގެ ކީޕަރު އަނަފްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މާޒިޔާއިން ޖެހި ލަނޑެކެވެ.

މެޗްގެ ދެވަނަ ހާފްގައި މާޒިޔާއިން ކުރިއަށް ޖެހިލައިގެން އިތުރު ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. އަދި އެޓީމުންވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މާޒިޔާގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ އިތުރުން މާޒިޔާގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިން ވެސް ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލް ޖެހުމަށް މަސައް ކުރިއެވެ. އެޓީމުގެ ކޯނޭ އާއި އަސަދުﷲ، ޓާނާ އަދި މުޙައްމަދު އިރުފާން ވަނީ ޔޫވީގެ ގޯލަށް ވަރަށް ބޮޑަށް ނުރައްކާކޮށްފައެވެ. ގޯލް ޖެހުމަށް މާޒިޔާއިން ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 70ވަނަ މިނެޓްގައެވެ. މާޒިޔާއަށް ލީޑް ނަގައިދިން ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ޓާނާއެވެ. މާޒިޔާއިން މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނެގުމާއެކު ޔޫވީއިން ކުރިއަށް ޖެހިލައިގެން ކުޅެން ފެށިއެވެ. ނަމަވެސް ޔޫވީއަށް މާ ރަގަނޅު ފުރުސަތެއް ތަނަވަސް ކުރެވޭ ގޮތެއް ނުވިއެވެ.