ޚަބަރު

ނ.މަނަދޫގައި ޒަމާނީ ފަރުމާއަކަށް އާ މިސްކިތެއް


ނ.މަނަދޫގައި ހުރި މިސްކިތުގެ ޖާގަ ކުޑަވުމާއި އެރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދުގައި މިސްކިތެއް ނުހުންނާތީ އެސަރަޙައްދުގައި މިސްކިތެއް ބިނާކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ސަރުކާރާ ޙަވާލުކުރާގޮތަށް މިމަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޙަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ދައުލަތުގެ ބަޖެޓުން 15.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މިމިސްކިތަކީ ޒަމާނީ ފަރުމާއަކަށް ތަރައްޤީކުރާ މިސްކިތެކެވެ. އެގޮތުން މިމިސްކިތުގެ ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވިއެވެ.

އަދި މިމިސްކިތަކީ އަންހެނުންނަށް ޚާއްސަކޮށް ނަމާދުކުރެވޭނެ ބަޔަކާއެކު ތަރައްޤީކުރާ މިސްކިތެއްކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ. ދެހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ނ.މަނަދޫގައި ޢިމާރާތްކުރަނީ 700 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.