ޚަބަރު

ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިޔާއަށް ފޮނުވައިފި


މިމަހުގެ 7 ވަނަ ދުވަހު
މަރުވެފައި އޮއްވާ ފެނުނު ލ.ގަމު ތުނޑި، ބާބުލް އަވާލީ، އުމުރުން 23 އަހަރުގެ ޙައްވާ ޒުހާގެ ހަށިގަނޑު ޕޯސްޓް
މޯޓަމް ހެދުމަށްޓަކައި އިންޑިޔާއަށް މިރޭ ފޮނުވައިފިއެވެ.



ކްރައިމް އިންވެސްޓިގޭޝަން
ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް ވިދާޅުވީ
ޙައްވާ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިރޭގެ ވަގުތެއްގައި
ފުރުވާލާފައިވަނީ އައިލެންޑް އޭވިއޭޝަންގެ ފްލައިޓެއްގައި ކަމަށެވެ. އަދި ޙައްވާ
ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިޔާއަށް ފޮނުވާލާފައިވަނީ އެކަމަށްޓަކައި
ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވުމަށްފަހު ކަމަށާއި، މާދަމާގެ ވަގުތެއްގައި
ޙައްވާ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވާކަމަށްވެސް ޙުސައިން
އާދަމް ވިދާޅުވިއެވެ. ޙައްވާ ޒުހާގެ ޕޯސްޓްމޯޓަމްގެ ކަންކަން ނިމުމާއެކު ވީއެންމެ
އަވަހަކަށް އެ ހަށިގަނޑު ރާއްޖެ ގެނެސް ޢާއިލާއާއެކު މަސައްކަތްކޮށް
ފަސްދާނުލުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.



ޙައްވާ ޒުހާގެ މަރުގެ
މައްސަލައިގެ ތުހުމަތުގައި މިމަހުގެ 9 ވަނަދުވަހު ޢުމުރުން 28 އަހަރުގެ ދިވެހި
ފިރިހެނަކާއި 50 އަހަރުގެ ދިވެހި އަންހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.



އެދެމީހުން
ހައްޔަރުކުރުމަށްފަހު އެދެމީހުން ދިރިއުޅޭގެ ބަލައި ފާސްކޮށް ތަޙުޤީޤަށް ބޭނުންވާ
ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެއެވެ.



އެ 2 މީހުންގެ ތެރެއިން
އަންހެން މީހާގެ ބަންދަށް 5 ދުވަސް އަދި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް
ކްރިމިނަލް ކޯޓުން ޖަހާދީފައިވެއެވެ. މިމަހުގެ ހަތް ވަނަ ދުވަހު
ގަލޮޅު ދޫހިމެރި މަގު ގޯޅިއެއްގެ ތެރޭގައި ވެއްޓިފައިއޮއްވައި ފުލުހުންގެ ބެލުމުގެ
ދަށުން ޙައްވާ ޒުހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން
ޙައްވާ ޒުހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް، އޭނާ ބެއްލެވި
ޑޮކްޓަރުނާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން މި މައްސަލަ ތަޙުޤީޤު ކުރައްވަނީ
މަރުގެ މައްސލައެއްގެ ގޮތުގައިކަމަށް ފުލުހުން ވިދާޅުވެއެވެ.