ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ގަލްފުގެ ބޮޑެތި ބާރުތައްކަމަށްވާ ޔޫއޭއީއާއި ސަޢުދީ ޢަރަބިއްޔާގެ އިސްވެރިންނާ މަޝްވަރާކުރެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރެއްވި މަސައްކަތްޕުޅަށް ސަމާލުކަމެއް ނުލިބުނުކަން ހާމަވެއްޖެއެވެ.
އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ދަ ވޯލް ސުޓްރީޓު ޖާނަލުން ބުނެފައިވަނީ ފާއިތުވި ހަފުތާތަކުގައި ބައިޑެން އެދިވަޑައިގެންނެވި ނަމަވެސް އޭނާއާ ވާހަކަދެއްކެވުމަށް ސަޢުދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި ޔޫއޭއީގެ ވަލީއަހުދު ޝޭޚް މުޙައްމަދު ބިން ޒައީދު އާލްނަހްޔާން ދެކޮޅުހެއްދިކަމަށެވެ. ބަދަލުގައި ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީން އެދިފައިވަނީ ޔަމަނުގެ އިދިކޮޅު ޚޫޘީ ޖަމާޢާތާ ދެކޮޅަށް އެ ދެ ޤައުމުން ކުރަމުންދާ ހަނގުރާމައަށް އެއްބާރުލުން ދިނުމަށާއި ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް ލުޅުންއަންނަފަދަ ކަމެއް ނުކުރުމަށެވެ. އެ ޝަރުތުތަކަށް އެއްބަސްވެ އެމެރިކާއިންވަނީ އދގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް ޚޫޘީންނަކީ ނުރައްކާތެރި ހަނގުރާމަވެރި ޖަމާޢަތެއްކަމަށް ކަނޑައަޅައި އެ ޖަމާޢަތަށް އެހީތެރިވުން މަނާކޮށްފައެވެ.
ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވާން ފެށުމުން އެމެރިކާއިންވަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްދިނުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގައި އެދިފައެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް އެ ޤައުމުން ބުނެފައިވެއެވެ. އަދި ގަލްފުގެ އެހެން ޤައުމުތަކުންވެސް އެމެރިކާއަށާއި ވިލާތަށް ފޯރުކޮށްދެމުންދާ ތެލުގެ ޢަދަދު އިތުރުނުކުރެވޭނެކަމަށްވަނީ ބުނެފައެވެ. އޭގެ އިތުރުން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް ރަޝިޔާއާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތްކުރި ޤަރާރަށް ޔޫއޭއީން ވޯޓު ދީފައެއް ނުވެއެވެ.