ޚަބަރު

އާ ޕާސްޕޯޓުގައިވެސް ދަޢުލަތުގެ ނިޝާން ހުންނާނެ- އިމިގްރޭޝަން


މި މަހުގެ ފަހުކޮޅު އަލަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ޕާސްޕޯޓުގައި ދަޢުލަތުގެ ނިޝާން ނުހުންނާނެކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ވާހަކަތައް އިމިގްރޭޝަނުން ދޮގު ކުރައްވައިފިއެވެ.އިމިގްރޭޝަންގެ މީޑިއާ އޮފިސަރ ހަސަން ޚަލީލް ވިދާޅުވީ، އާޕާސްޕޯޓުގެ ޑިޒައިނަށް ބަދަލު ގެންނެވި ނަމަވެސް ދަޢުލަތުގެ ނިޝާން ޕާސްޕޯޓުގައި ހުންނާނެ ކަމަށެވެ. އަދި ދައުލަތުގެ އެފަދަ މުހިއްމު ލިޔުމަކުން ދަޢުލަތުގެ ނިޝާން ނެގުމަކީ އިމިގްރޭޝަނަށް ކުރެއްވޭނެ ކަމެއް ނޫންކަމަށްވެސް ޚަލީލް ވިދާޅުވިއެވެ."ޕާސްޕޯޓަކީ އަބަދުވެސް ޕާސްޕޯޓުގެ ބަނޑޭރިގަނޑުގައި، ދައުލަތުގެ ނިޝާން އިންނަ އެއްޗެއް. ޕާސްޕޯޓުގެ ބަނޑޭރިގަނޑު ބަލާލުމުން އެއީ ކޮންޤައުމެއްގެ ޕާސްޕޯޓެއްގަން އެނގޭނީވެސް ދައުލަތުގެ ނިޝާން ހުރުމުން" ޚަލީލް ވިދާޅުވިއެވެ.ޚަލީލް ވިދާޅުވީ، ޕާސްޕޯޓަށް ގެންނަ މައިގަނޑު ބަދަލަކީ، ސެކިއުރިޓީ ގޮތުން ޕާސްޕޯޓް ވަރުގަދަ ކުރެއްވުން ކަމަށެވެ. އެގޮތުން އާ ޕާސްޕޯޓް ތައްޔާރުކުރާނީ ޕޮލީކާރބަން ބޭނުން ކުރައްވައިގެންކަން ޚަލީލް ފާހަގަކުރެއްވިއެވެ." ސެކިއުރިޓީ ފީޗާރސް އެކި ލޭޔާރ ތަކުގައި ހުންނާނެ. އަދި މީހުންގެ މަޢުލޫމާތު އެންޓަރ ކުރެވިފައި ހުންނައިރު، ހުރިހާ ލޭޔަރ ތަކެއް ހޫނުކޮށްގެން، އަދި ޕްރެޝަރގަ ފިއްތައިގެން، އެކަތިގަނޑަކަށް ހެދިފައި ހުންނާނީ، އޭގެ ސަބަބުބް ޕާސްޕޯޓުގެ ފޮޓޯއަށް ބަދަލުގެނައުމަކީ ފަސޭހަ ކަމަމަށް ނުވާނެ." ޚަލީލް ވިދާޅުވިއެވެ.މި މަހު އާ ޕާސްޕޯޓް ތަޢާރަފްކުރެއްވި ނަމަވެސް މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓުތައް މުއްދަތު ހަމަވަންދެން ބޭނުން ކުރެވޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއްވައެވެ.