މުނިފޫހިފިލުވުން

"ފައިޓަރ" ފެށުން ސެޕްޓެމްބަރަށް


ރިތިކް ރޯޝަނާއި ދީޕިކާ ޕަޑްކޯން އެކުގައި ސްކްރީނުން ފުރަތަމަ ފަހަރަށް ފެންނަ "ފައިޓާ" ގެ ޝޫޓިން އަންނަ ސެޕްޓެމްބަރުގައި ފަށަން ނިންމައިފިއެވެ.

"ވޯރ" އަދި "ބޭންގް ބޭންގް" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރ ސިދާތް އާނަންދު ޑައިރެކްޓް ކުރާ މި ފިލްމަކީ ސިދްގެ މާފްލިކްސް ބެނާ ގައި ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރާނެކަމަށް މިހާރު ބެލެވެނީ އަންނަ އަހަރުއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އިއުލާނުކޮށްފައިވާ މި އޭރިއަލް އެކްޝަން ތްރިލާ އަކީ 250 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާ ފިލްމެކެވެ. އެހެންކަމުން މިއީ ހިންދީ ސިނަމާގެ އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭނެ ފިލްމަކަށް ވާނެ އެވެ.

ރިތިކްގެ ގިނަ އެކްޝަން ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމުވެސް ރިލީޒް ކުރާނީ ޕޭން އިންޑިއާއިންނެވެ. ފިލްމުގެ ވާހަކަ ލިޔެފައިވަނީ ރާމޯން ޗިބް އެވެ.

ރިތިކް މިހާރު އަންނަނީ "ވިކްރަމްވޭދާ" ގެ މަސައްކަތްކުރަމުންނެވެ. އޭނާ ފުރަތަމަ ފަހަރަށް އެއާފޯސް ޕައިލެޓެއްގެ ރޯލުން ފެންނަ "ފައިޓަރ" ގެ މި ކެރެކްޓާއަށް ރިތިކް އަންނަނީ ތައްޔާރުވެސް ވަމުންނެވެ. މި ފިލްމު ކުޅެން ރިތިކް ފަސް ކިލޯ ލުއިވެސް ވާންޖެހެއެވެ.

އަނެއްކޮޅުން ފިލްމު "ޕަތާން" ގެ ޝޫޓިން އަށް ދީޕިކާ މިހާރު ހުރީ ސްޕެއިންގައެވެ. ޝާހުރުކްޚާނާއި ޖޯން އަބްރަހަމްވެސް ފެންނަ މި ފިލްމަކީވެސް ސިދްގެ އެއްޗެކެވެ. "ޕަތާން" އަށްފަހު އަމީތާބާ ޕްރަބާސްއާއިއެކު އެކު ދީޕިކާ ދެން ފަށާނީ "ޕްރޮޖެކްޓް ކޭ" ގެ މަސައްކަތެވެ. އޭގެފަހުން "ދަ އިންޓާން" ގެ ރީމޭކްގެ މަސައްކަތްވެސް ޖުލައި މަހު އޭނާ ފަށާނެއެވެ. މީގެއިތުރުން ދީޕިކާގެ ބައެއް ހޮލީވުޑް ޕްރޮޖެކްޓްތައްވެސް ކުރިއަށް އެބަހުއްޓެވެ.