ކުޅިވަރު

ޓޮޓްނަމުން އެވަރޓަންގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި އެވަޓަން ބައްދަލުކުރިމެޗް ސްޕަރސް ކާމިޔަބުކޮށްފިއެވެ. ސްޕަރސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމު ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 5 ލަނޑު ސުންލަނޑުންނެވެ.

ޓޮޓްނަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޓޮޓްނަމުން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ އެވަޓަންގެ ޑިފެންޑަރ މައިކަލް ކީން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި ޓޮޓްނަމްގެ ދެވަނަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހައިދިނީ ސޮން ހިއުންގ މިންއެވެ. އެޓީމުގެ ތިންވަނަ ލަނޑާއި ފަސް ވަނަ ލަނޑު މެޗްގެ 37 ވަނަ މިނެޓާއި 55ވަނަ މިނެޓްގައި ޖަހައިދިނީ ހެރީ ކޭންއެވެ. އަދި ޓޮޓްނަމްގެ ހަތަރު ވަނަ ލަނޑު މެޗްގެ 46 ވަނަ މިނެޓްގައި ޖަހައިދިނީ ސަރޖިއޯ ރެގިއުލޯންއެވެ.

މިކަމިޔާބީއާއެކު ސްޕަރސްއަށް މިހާރު އުޅެނީ ކުޅުނު 26 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ. އަދި އެވަޓަން އޮތީ 25 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.