ޚަބަރު

ތިނަދޫން މީހުން ބޭލި މައްސަލައިގެ އަޑުއެހުން މިމަހުގެ 19ގައި


1962ވަނަ އަހަރު ގދ.ތިނަދޫން މީހުން ބޭލި ހާދިސާގައި އެރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވާލިކަމަށްބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިމަހުގެ 19ގައި ފެށުމަށް ނިންމައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ވިދާޅުވީ މިމައްސަލައިގެ އަޑުއެހުންތައް މާލޭގެ އިތުރުން ތިނަދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ތިނަދޫން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ. އެއޮފީހުން ވިދާޅުވީ، މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ގދ.ތިނަދޫގައި މިމަހުގެ 19އިން 22އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި އޭގެފަހުން މިމަހުގެ 27ގައި އިތުރު އަޑުއެހުމެއް މާލޭގައިވެސް ބާއްވާނެކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ވިދާޅުވިއެވެ.

އެ އޮފީހުން ވިދާޅުވީ މި އަޑުއެހުންތައް ކުރިއަށްދާނީ ޝަރުޢީ ކޯޓުތަކުގައިވެސް އަޑުއެހުންތައް ކުރިއަށްދާގޮތަށްކަމަށެވެ. އަދި މި އަޑުއެހުންތަކުގައި ވާހަކަ ދައްކަން ބޭނުންވާ ހުރިހާ އެންމެނަށްވެސް ފުރުޞަތު ދެއްވާނެކަމަށް އިންތީޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިހާތަނަށް ބަލައިގެން 488 މައްސަލައިގެ ތެރެއިން 7 މައްސަލައެއް އެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ އަދި ގިނަ ރައްޔިތުންނާ ގުޅުންހުރި މައްސަލަތަކެއްގެ ގޮތުގައެވެ. އޭގެ ތެރެއިން އެންމެ އިސްކަންދޭ އެއް މައްސަލައަކީ ތިނަދޫން މީހުން ބޭލި މައްސަލަކަމަށާ، މި މައްސަލަ ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށް އިންތިޤާލީ އިންސާފްގެ އޮފީހުން ވިދާޅުވެއެވެ.

1959އިން 1966އަށް ރާއްޖޭގެ ދެކުނު އަތޮޅު 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ އިންތިޤާލީ އިންސާފްގެ އޮފީހަށް ހުށައެޅީ ތިނަދޫ ކައުންސިލާއި އެ ހާދިސާގައި ހައްގުތަކެއް ގެއްލިފައިވާކަމަށް ތުހުމަތުކުރާ ބައެއް އަމިއްލަ ފަރާތްތަކުންނެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ވިދާޅުވީ އެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ސުލްހަ ނުކުރެވޭ މައްސަލަތަކެއްނަމަ ކޯޓް މަރުހަލާއަށް ފޮނުއްވާނެކަމަށެވެ. އެގޮތުން މަދަނީ މައްސަލަތައް އޭޖީ އޮފީހަށް އަދި ޖިނާޢީ މައްސަލައެއްނަމަ ޕީޖީ އޮފީހަށް ފޮނުއްވާނެކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން އެއޮފީހަށް ތަހުޤީގުކުރެވޭނީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތަކެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނު ބުނާގޮތުން އެ އޮފީހަށް ހުށަހަޅާ މައްސަލައެއް ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ތަހުޤީގުކޮށް ނިންމަން ޖެހެއެވެ. އިންތިޤާލީ އޮފީހުން ތަހުޤީގުކޮށް ނިންމާ ޕީޖީ އޮފީހާއި އޭޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި އެ އިދާރާތަކުން 21 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާ ކޯޓަށް ފޮނުވަންޖެހޭނެއެވެ. އަދި ކޯޓަކަށް މައްސަލަ ހުށައަޅައިފިނަމަ އެންމެ ގިނަ ވެގެން އެއް މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓުން ނިންމަންޖެހޭނެކަމަށްވެސް ޤާނޫނުގައިވެއެވެ.