ޚަބަރު

އައްޑޫ ޕޮލިސް އެކަޑަމީ މިމަހު 27ގައި ހުޅުވަނީ


އައްޑޫ ސިޓީގައި ޤާއިމުކުރާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓް، މިމަހުގެ 27ވަނަ ދުވަހު ހުޅުވުމަށް ނިންމައިފިއެވެ.

މީގެ ކުރިންވެސް މިތަން ހުޅުވުމަށް އެކި ތާރީޚުތަކެއް ދީފައިވެއެވެ. ނަމަވެސް، ކޯވިޑާއެކު ޕްރޮޖެކްޓުގެ މަސައްކަތަށް ވަރަށްބޮޑެތި ލަސްވުންތަކެއް ވަނީ އައިސްފައެވެ. އެގޮތުން މަސައްކަތް ނިންމުމަށް ބޭނުންވާ މަސައްކަތު މީހުން ނުގެނެވި ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު، މަސައްކަތް ކުރުމަށް ގެނައި މީހުންގެ ތެރޭގައިވެސް ކޯވިޑް ކޭސްތަކެއް ފެނުމުން މަސައްކަތް ކުރިއަށް ގެންދިއުން ހުއްޓިގެން ދިޔައެވެ.

ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، އައްޑޫގައި ޤާއިމްކޮށްފައިވާ ޕޮލިސް އެކަޑަމީގެ ހުރިހާ މަސައްކަތްތަކެއް ނިމި މިމަހުގެ 27ވަނަ ދުވަހު ޚާއްސަ ރަސްމިއްޔާތަކާއެކު އެކަޑަމީ ހުޅުވުމަށް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖޭގެ ތަންފީޒީ އިދާރާތަކަށް ޚާއްސަކުރެވިގެން ހަދާ މިތަނުގައި، 340 މީހުންނަށް އެއްފަހަރާ މިތަނުގައި ތިބެގެން ތަމްރީނު ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިތަނުގައި ސިއްޙީ ފަރުވާދޭނެ ތަންތަނާއި ކުޅިވަރާއި ތަމްރީނުތަކަށް، 800 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމްއަކާއި، ބާސްކެޓު، ޓެނިސް އަދި ފުޓްބޯޅަ ގްރައުންޑަކާއިިއެކު، 400 މީޓަރުގެ ދުވާ ޓްރެކެއް ހިމެނެއެވެ. އަދި ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއްވެސް އޮންނާނެއެވެ. މީގެ އިތުރުން ކިޔަވައި ދިނުމަށް 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ކުލާސް ރޫމްތައް ހުންނާނެއެވެ.

އައްޑޫ ސިޓީގައި ޤާއިމްކުރާ ޕޮލިސް އެކެޑަމީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2016ވަނަ އަހަރުއެވެ. މަޝްރޫއުގެ ނިމޭއިރު މަޝްރޫއަށް 40އާއި 42 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ޚަރަދުވާނެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މިތަން ނިމުމަށްފަހު މިތަނުގެ ހުރިހާކަމެއް ފުލުހުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މިތަނުގެ ފައިދާ މުޅި އައްޑޫ ސިޓީ އަދި ރާއްޖޭގެ ތަންފީޒީ ހުރިހާ އިދާރާއަކަށް ލިބިގެން ދާނެއެވެ. މިއީ ރާއްޖޭގައިވެސް ޤާއިމު ކުރެވޭ މިފަދަ އެންމެ ބޮޑު ތަމްރީނު މަރުކަޒެވެ.