ޚަބަރު

އެމްޑީޕީ ޗެއާޕާސަންގެ އިންތިޚާބުގެ، ތާރީޚު ކަނޑައެޅުން މިރޭ


ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމާއި، އެނޫން އިންތިޚާބުތައް ބާއްވާ ތާރީޚަށް ބަދލު ގެނައުމަށް އެޕާޓީގެ ޤައުމީ މަޖިލިސް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން، އަންހެނުންގެ ރޫޙު، އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފައިވާ ތާރީޚަކީ އަންނަ މަހުގެ 16ވަނަ ދުވަހެއެވެ. އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚާއި ރަމަޟާން މަސް ދިމާވާތީ އިންތިޚާބު ފަސްކުރުމަށް އެދި ޗެއާޕާސަންގެ މަޤާމަށް ވަދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވަނީ އެދިވަޑައިގެންފައެވެ.

މިހުށަހެޅުން އިންތިޚާބާއި ކޮމިޓީން ބެލުމަށްފަހު ޗެއަރޕަރސަން، އަންހެނުންގެ ރޫޙު، އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ރަމަޟާން މަހަށް ދިމާނުވާނެ ތާރީޚެއްގައި ބާއްވުމަށް ވަނީ ހުށަހަޅާފައެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚަށް ބަދަލު ގެނެވޭނީ ޤައުމީ މަޖިލީހުން ފާސްކޮށްގެންނެވެ.

މިރޭގެ ބައްދަލުވުމުގައި އަނެހްނުންގެ ރޫޙުގެ ވޯޓުލާ މީހުންގެ ރަޖިސްޓްރީއެއް ނެތުމާއިއެކު، ޕާޓީގެ މެންބަރުންގެ ތެރެއިން ހުރިހާ އަންހެން މެންބަރުންނަށް ވޯޓު ލެވޭނެ ގޮތަށް ހަމަޖައްސައިދިނުމަށް އިންތިޚާބާ ބެހޭ ކޮމިޓީން އެދިފައިވާތީ، މިކަމާ ގުޅޭގޮތުންވެސް ގޮތެއް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މިއިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުން ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި 8:30 ގައި އިމާދުއްދީން ސްކޫލް ހޯލްގައެވެ.