ޤައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗަކަށް ބްރެޒިލްގެ ވޮލީ ބޯޅަ ޗޮންފެޑެރޭޝަން ކޯޗު ސާޖިއޯ ވެލޯސޯ ހަމަޖައްސައިފިއެވެ. ޤައުމީ ފިިރިހެން ވޮލީބޯޅަ ޓީމަށް މަތީ ފެންވަރުގެ ކޯޗެއް ހަމަޖައްސާފައި ވަނީ ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީގެ ޓެކްނިކަލް ސަޕޯޓާއި ޔޫތު މިނިސްޓްރީގެ ވަރަށް ބޮޑު އެހީތެރިކަމާ އެކީގައެވެ.
ފާއިތުވި ހަތް އަހަރަށް ބަލާއިރު، ވެލޯސޯ އަކީ ގައުމީ ފިރިހެން ޓީމަށް ކޯޗުކޮށްދޭނެ ހަތަރު ވަނަ ބިދޭސީ ކޯޗެވެ. މީގެ ކުރިން ތައިލެންޑްގެ ސުންޓޮން ފޮސީޓާ އާއި ސްރީލަންކާގެ ކޯޗު ސްރީ ލަންކާގެ ކުމާރް ވެންޑަކޫން އާއި ސާބިއާގެ މަޝްހޫރު ކޯޗު، މިލޮރަޑް ކިޔާޗް ވަނީ ރާއްޖެ އަށް ކޯޗުކޮށްދީފައެވެ.
އެންމެ ފަހުން ބިދޭސީ ކޯޗެއްގެ ބެލުމުގެ ދަށުން ގައުމީ ޓީމު ކުޅުނީ 2019 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައެވެ. އެ މުބާރާތުގައި ކޯޗުކޮށްދިނީ މިލޮރަޑް ކިޔާޗް އެވެ. އޭގެ ފަހުން މިދިޔަ ސެންޓްރަލް ޒޯން މުބާރާތުގައި ކޯޗުކޮށްދިނީ އިސްމާއީލް ސާޖިދެވެ.
ޤައުމީ ވޮލީ ޓީމުގެ ހެޑްކޯޗަކަށް ހަމަޖެއްސި ސާޖިއޯ ވެލޯސޯ ބްރެޒިލާއި ބަހްރެއިން އަދި އެމެރިކާގައި ވޮލީގެ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެކެވެ.
ބަހްރޭން ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް 2020 ވަނަ އަހަރު ހަމަޖެއްސި 54 އަހަރުގެ ވެލޯސޯއަކީ އަކީ ވޮލީބޯޅައިގެ އެކި ދާއިރާތަކުގައި ޚާއްޞަކޮށް ވޮލީ ކުޅުންތެރިން އުފެއްދުމުގައި 34 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. ބްރެޒިލްގެ މަޝްހޫރު ވޮލީބޯޅަ ކްލަބެއް ކަމަށްވާ މިނިއާސް ޓެނިސް ކްލަބަށް ގިނަ އަހަރުތަކެއް ވަންދެން ކޯޗުކޮށްދިން ވެލޯސޯ ވަނީ އެ ޓީމާއެކު ބްރެޒިލްގެ ރީޖަނަލް މުބާރާތް ފަންސާސް ހަތް ފަހަރު ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ޢުމުރު ފުރާގެ މުބާރާތާއި ސީނިއާ ވޮލީ މުބާރާތްތައް ހިމެނެއެވެ.
ވެލޯސޯ ވަނީ ދުނިޔޭގެ ލެވަލް މުބާރާތްތަކާއި ދެކުނު އެމެރިކާ ބައްރަށް ހާއްސަ މުބާރާތްތަކުގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބާސެލޯނާގައި 1992 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް އަށް ތައްޔާރުވި ބްރެޒިލްގެ އަންހެން ވޮލީބޯޅަ ޓީމަށް ވެސް ވެލޯސޯ ވަނީ ވޮލަންޓިއަރެއްގެ ގޮތުން ކޯޗުކޮށްދީފައެވެ.
ފިޒިކަލް އެޑިއުކޭޝަނުން ބެޗަލާސް އިން ޑިގްރީ ހާސިލްކޮށްފައިވާ ވެލޯސޯ އަކީ އެތުލީޓުންގެ އާޓިފިޝަލް އިންޓެލިޖަންސް ދެނެގަންނަން އެމެރިކާގައި ހިންގަމުން އަންނަ ޓްރައިއައުޓް ޕްލޭޔާސްގެ ކޯ ފައުންޑަރެކެވެ. ކުޅުންތެރިން ޑިވެލޮޕްކުރުމުގައި ވީޑިއޯ އެނަލައިސިސް އަށް ވެސް އިސްކަންދޭ ކޯޗެކެވެ.
އެމެރިކާގެ ޓޮޕް އެލީޓް އެކެޑަމީގައި ވެސް ކުޅުންތެރިން ތަމްރީން ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ވެލޯސޯ އަކީ ބްރެޒިލްގެ ވޮލީބޯޅަ ފެޑެރޭޝަނާ ގުޅިގެން ވޮލީ ބޯޅައިގެ ތައްރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރާ ކޯޗެކެވެ.