ޚަބަރު

ޓެކްސީ ދަތުރުތަކުން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާނަމަ ފިޔަވަޅު އަޅާނެ!


މާލެ ސަރަޙައްދުގައި ކަނޑައަޅާފައިވާ އަގުތަކަށްވުރެ އިތުރަށް ޓެކްސީ ދަތުރުތަކުން އަގު ނަގާނަމަ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ފިޔަވަޅުއަޅާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލެއާއި ހުޅުމާލެއާ ހުޅެލެއާ ދެމެދު ޓެކްސީ ދަތުރުތަކުގެ އަގުތައްތައް ހާމަކޮށް އެ އަގުތައް ކަނޑައަޅާފައިވާ މިންވަރަށް ދަތުރުވެރިންގެ އަތުން ނެގުމަށް ހަނދާންކޮށްދީފައެވެ.

ޓެކްސީ ދަތުރުތަކުން ނަގާނެ އަގުތައް ޢާއްމުކޮށް އަގުނެގުމުގައި އުސޫލާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުން އިލްތިމާސްކުރައްވާފައި މިވަނީ، ދުނިޔޭގެ ތެލުގެއަގު ބޮޑުވެ، ރާއްޖޭގައިވެސް ޑީސެލާއި ޕެޓްރޯލްގެ އަގު ބޮޑުވުމާއެކު ބައެއް ޓެކްސީ ޑްރައިވަރުން އަމިއްލައަށް ދަތުރުތަކަށް ބޮޑުއަގު ނެގުމުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ޑްރައިވަރުންގެ މިގޮތަށް ޢަމަލުކުރާތީ އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު ހުޅުމާލެ ނުހިމެނޭހެން މާލެގެ އެތެރޭގައި ކުރާ ދަރެއް، ނުވަތަ މާލެ ނުހިމެނޭހެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ނުވަތަ ދެވަނަ ފިޔަވަހީގެ އެތެރޭގައި ކުރާ ކޮންމެ ދަތުރަކަށް ނެގޭނީ ގިނަވެގެން 25 ރުފިޔާއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރަކަށް ގިނަވެގެން ނެގޭނީ 40 ރުފިޔާއެވެ.

މާލެ އާއި އެއަރޕޯޓާ ދެމެދު ނުވަތަ ހުޅުމާލެއާއި އެއަރޕޯޓާ ދެމެދު ކުރާ ކޮންމެ ދަތުރަކަށް ނެގޭނީ ގިނަވެގެން 60 ރުފިޔާއެވެ.

75 ރުފިޔާ ނެގޭނީ މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާދެމެދު ނުވަތަ އެއަރޕޯޓާއި ހުޅުމާލެ ދެވަނަ ފިޔަވައްސާދެމެދު ކުރާ ދަތުރުތަކަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް ނެގޭނީ ގިނަވެގެން 90 ރުފިޔާއެވެ.

މި އަގުތަކުގެ އިތުރަށް މެންދަމު 12:00 އިން ހެނދުނު 6:00އަށް ކުރާ ކޮންމެ ދަތުރަކަށް ކަނޑައަޅާފައިވާ އަގުތަކަށްވުރެ އިތުރަށް 5 ރުފިޔާ ނެގިދާނެއެވެ.

ފުލުހުން ވިދާޅުވީ ކަނޑައަޅާފައިވާ އަގުތަކުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީގެ އެތެރެއަށް އަރުވާ ދާގިނާއަކަށް އިތުރު އަގެއް ނެގުމަކީ މަނާކަމެއް ކަމަށެވެ. އަދި އިތުރަށް ފައިސާ ނަގާނަމަ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއެވެ.