އިޓާލިއަން ލީގުގައި ރޭ ނަޕޯލީ އަތުން 1-0 އިން މޮޅުވެ އޭސީ މިލާން އެއް ވަނަ އަށް ޖެހިލައިފިއެވެ.
ނަޕޯލީގެ ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން މިލާންގެ ބެނަސޭ އަށް ނަޕޯލީގެ ނަޕޯލީގެ ކުޅުންތެރިއަކު ފައުލުކުރި ކަމަށް ބުނެ، މިލާނުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް މެޗުގެ ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ. އޭގެ ފަހުން ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސީމޭން އަށް މިލާންގެ ފިކާޔޯ ޓޮމޯރީ ފައުލުކުރި ކަމަށް ބުނެ، ނަޕޯލީން ޕެނަލްޓީ ހޯދަން ކުރި އެޕީލަށް ވެސް ރެފްރީ އިންކާރުކުރިއެވެ.
މިލާނުން މެޗުގެ ހަމައެކަނި ގޯލު ޖެހީ ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގައެވެ. ޑޭވިޑެ ކަލާބްރިއާ މެޗުގެ 49 ވަނަ މިނިޓްގައި ފޮނުވާލި ހަމަލާއެއް އޭރިއާތެރެއިން އޮލީވިއޭ ޖިރޫޑަށް ފޮނުވާލ ބޮޅަ ދިޔައީ ގޯލުގެ ކަނަށެވެ. ނަޕޯލީ ކުޅުންތެރިން އޮފްސައިޑް ކަމަށް އެޕީލްކުރި ނަމަވެސް މި ގޯލު ބަލައިގަންނަން ނިންމިއެވެ.
ނަތީޖާ ހަމަހަމަކުރަން ނަޕޯލީގެ އާދަމް އޫނާސް އޭރިއާތެރެއިން ޖެހި ބޯޅަ ވަނީ ބޭކާރުވެފައެވެ. އަދި އޮސީމޭން ޖެހި ބޯޅަ މިލާންގެ ކީޕަރު މައިކް މައިގްނޯން މަތަކޮށްފައެވެ. ލީޑުފުޅާކުރަން މިލާންގެ ހެނާންޑޭޒާއި އެލެކްސިސް ސަލަމޭކާ ފޮނުވާލި ބޯޅަތައް ނަޕޯލީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ރޭގެ މޮލާއެކު ތާވަލްގެ އެއްވަނަ މިލާންއަށް ލިބުނީ 28 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނަށް ވަނީ 27 މެޗުން 58 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި ނަޕޯލީ އޮތީ 28 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސް ހަތަރެއްގައި އޮތީ 28 މެޗުން 53 ޕޮއިންޓާ އެކުގައެވެ.