ޚަބަރު

ދެކުނުގެ 4 ރަށެއްގައި ފެންބޮޑުވެއްޖެ


ރާއްޖޭގެ ބައެއް އަތޮޅުތަކަށް މިހާރުކުރަމުންދާ ވިއްސާރާގައި ރެއާއި މިއަދު ހަތަރު ރަށެއްގައި ފެންބޮޑުވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އެން.ޑީ.އެމް.ސީން ވިދާޅުވީ މިއަދު ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ ވެލިބަސްތާ ޖެހުން ފަދަ ކަންކަމުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި  ރޭ ކުރި ވިއްސާރައިގައި ދެކުނުން ގދ.ފަރެސް މާތޮޑާއާ، ނަޑެއްލާގެ އިތުރުން ސ.ފޭދޫގައިވެސް ފެންބޮޑުވެފައިވާކަމަށް އެން.ޑީ.އެމް.ސީން މައުލޫމާތުދެއްވައެވެ.ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ޚާއްސަ ކޮށް ދެކުނަށް ކުރަމުންދާ ވިއްސާރާއިގެ ސަބަބުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކުރައްވަވައެވެ.  ބޯކޮށް ވާރޭވެހި، ފެންބޮޑުވެ ތަކެއްޗަށް ގެއްލުންވުމުގެ ކުރިން ގޭގައި ހިފާ ގެންގުޅޭ ތަކެތި އަދި ކަރަންޓް ސާމާނު ރާއްކާތެރި ތަނެއްގައި ބެހެއްޓުމަށް އެސެންޓަރުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ގުގުރުމާއެކު ވިއްސާރަ ކުރާނަމަ، ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތިއްބެވުމަށް އެސެންޓަރުން އިލްތިމާސްކުރައްވައެވެ.ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތުން މިއަދު ހެނދުނު ދިހަޔަކުން މާދަމާ ހެނދުނު ދިހަޔަކަށް މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމުގެ ގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ހެނދުނު ޔެލޯ އެލާޓެއްވެސް ނެރެފައިވެއެވެ.