އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބޮޑު މޮޅެއް ސިޓީ ހޯދައިފއެވެ. ސިޓީ މެޗުން މޮޅުވީ 4 ލަނޑު 1 ލަނޑުންނެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިއިގެން ފަސް ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން ކެވިން ޑި ބްރޫނޭ ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ސިޓީއަށް ލީޑުނަގައިދީފައެވެ. ރޭގެ މެޗުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ޔުނައިޓެޑްގެ ލޫކް ޝޯ އާއި ރަފައެލް ވަރާން ނުކުޅެއެވެ. އަދި އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ އެޑިސަން ކަވާނީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ.
ފުލުފުލުގައި އެޓޭކްތަކެއް ކުރަމުން ގޮސް ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 22 ވަނަ މިނިޓްގައި ޕައުލް ޕޮގްބާ ދިން ބޯޅައަކުން މި ގޯލު ޖެހީ ކުރިން ސިޓީ އަށް ކުޅުނު ޖޭޑަން ސަންޗޯއެވެ. މެޗުގެ 28 ވަނަ މިނިޓްގައި ޑި ބްރޫނޭ ވަނީ ޔުނައިޓެޑްގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލު ޖަހައި ސިޓީ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. މިއީ ޕްރިމިއާ ލީގުގައި ޑި ބްރޫނޭ ޖެހި 51 ވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދޭން އަލެކްސް ޓެލޭސް ޖެހި ބޯޅަ ވަނީ ބޭކާރު ވެފައެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑަށް ސިޓީގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. ނަމަވެސް ސިޓީގެ ރިޔާދު މާހްރޭޒް ވަނީ އެ ޓީމަށް އިތުރު ދެ ގޯލު ކާމިޔާބު ކޮށްދީފައެވެ.
މެޗުގެ 68 ވަނަ މިނިޓްގައި ޑިބްރޫނޭ ދިން ބޯޅައަކުން މާރޭޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ މެގުއާ ފައިގައި ޖެހިފައެވެ. މެޗުގެ އިތުރު ވަގުތުގައި މަހްރޭޒް ޖެހި ދެ ވަނަ ގޯލު ފުރަތަމަ ނިންމީ އޮފްސައިޑް ކަމަށެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީ ނިންމީ ގޯލު ބަލައިގަންނާށެވެ.
މިއީ ޔުނައިޓެޑްގެ ކޯޗުކަމާ ރަލްފް ރަންގްނިކް ހަވާލުވި ފަހުން އެ ޓީމު ކޮޅަށް އެންމެ ގިނަ ގޯލު ވަން މެޗެވެ.