މި އަހަރުގެ ޖުލައި މަހު އޮންނަ ކޮމަންވެލްތު ގޭމްސް އަށް ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމް ކޮލިފައިވެއްޖެއެވެ. ޖުލައި 28 އިން އޮގަސްޓް 8 އަށް އޮންނަ ކޮމަންވެލްތު ގޭމްސްއަކީ ރައްޖޭ އިން މި އަހަރު ވާދަކުރާނެ ފަސް ގޭމްސްގެ ތެރެއިން މި ވަގުތު އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ މުބާރާތެވެ.
މެދުކެނޑުމަކަށް ފަހު ރާއްޖެއިން ވާދަކުރާ ފުރަތަމަ ކޮމަންވެލްތު ގޭމްސްގައި ދިވެހި އެތުލީޓުންނަށް ވަނީ އެކި ކުޅިވަރުތަކުން 17 ޖާގަ ލިބިފައެވެ. އަންހެން ޓީޓީ ޓީމު ކޮލިފައިވީ ސީދާ ކޮލިފިކޭޝަންގެ ތެރެއިން ކަމަށްވުމުން މިއީ ރާއްޖެ އަށް ލިބުނު އިތުރު ސްލޮޓެކެވެ.
މި ގޭމްސް އަށް ކޮލިފައިން މުބާރާތްތަކެއް މިދިޔަ މަހާއި މި މަހު ކުޅެން ނިންމި ނަމަވެސް ފަހު ވަގުތު މި މެޗުތައް ނުކުޅެ ރޭންކިން އަށް ބަލައި ގަދަ 16 ޓީމަށް ފުރުސަތު ދޭން ވަނީ ނިންމައިފައެވެ. ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމަށް ފުރުސަތު ލިބުނީ ގޭމްސްގައި ހިމެނޭ ގައުމުތަކުގެ ރޭންކިން އަށް ބަލައި ގަދަ 16 ޓީމުގެ ތެރޭގައި ހިމެނޭތީއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޓީޓީއޭއެމްއިން ބުނީ ގަދަ 16 ޓީމަށް ފުރުސަތު ދޭން ކޮމަންވެލްތު ގޭމްސް ފެޑަރޭޝަނުން ނިންމީ ބައެއް ގައުމުތަކުގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން ކޮލިފައިން މުބާރާތް ކުރިއަށް ގެންދަން އުނދަގޫވާނެތީކަމަށެވެ.
ޓީމު ކުޅިވަރުތަކަށް ބަލާއިރު ފަހަކަށް އައިސް ރާއްޖެއިން އެންމެ ބޮޑު ކުރިއެރުމަކާއި ކާމިޔާބީތަކެއް ހޯދި އެއް ކުޅިވަރަކީ ޓޭބަލް ޓެނިހެވެ. އެ ގޮތުން އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ޓީމު އިވެންޓުން ރަން މެޑަލް ހޯދައި، އަންހެން ޑަބަލްސް އަދި އަންހެން ސިންގަލްސް ރަން މެޑަލް ވެސް ރާއްޖެ އިން ވަނީ ހޯދާފައެވެ. އެ މުބާރާތުން ރިހި ދެ މެޑަލް ވެސް ރާއްޖެ އިން ހޯދިއެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އަންހެން ޓީޓީ ޓީމު ވަނީ ލޯ މެޑަލް ވެސް ހޯދައިފައެވެ.
ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ހުރިހާ ގައުމެއް އަދި ފައިނަލް ނުވިކަމުގައި ވިޔަސް ގާތްގަނޑަކަށް 72 ގައުމުން މި ފަހަރުގެ ގޭމްސްގައި ވާދަކުރާނެ ކަމަށްމަޢުލޫމާލިބެއެވެ. ކޮމަންވެލެތު ގޭމްސްގެ އިތުރުން މި އަހަރު ރާއްޖެ އިން އިތުރު ހަތަރު ގޭމްސް އެއްގައި ވާދަކުރާނެއެވެ. އެއީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން ޔޫތު ގޭމްސްއެވެ.