ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް 2022: ވާދޫއަށް އަތޮޅު ޗެންޕިއަންކަން


މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގައި ރޭ ކުޅުނު މެޗުން މޮޅުވެ ގދ ވާދޫ ޓީމުން އަތޮޅު ޗެންޕިއަންކަން ހޯދައިފިއެވެ. ވާދޫ ޓީމުން ޗެންޕިއަންކަން ހޯދީ ރޭ ގދ. ތިނަދޫ ޓީމު އަތުން 3-0 އިން ކުރި ހޯދައިގެންނެވެ.

ގދ. އަތޮޅުގެ ފަސް ޓީމު މުބާރާތުގައި ވާދަކޮށްފައިވޭ. އެގޮތުން މުބާރާތް ރޭވިފައި އޮތީ ލީގު ބުރެއް ކުޅެގެން އެއް ވަނަ ހޯދާ ޓީމަކަށް ޗެމްޕިއަންކަން ދޭ ގޮތަށެވެ. ރޭގެ މެޗަށް ނުކުތްއިރު، ވާދޫ އިން ވަނީ މަޑަވެލި، ހޯޑެއްދޫ އަދި ގައްދޫ ބަލިކޮށްފައެވެ. ރޭ ތިނަދޫ އަތުން ވާދޫ މޮޅުވެ، ޗެމްޕިއަންކަން ހޯދިއިރު، އަދި އެ އަތޮޅު ބުރުގައި ބާކީ ދެ މެޗު އެބައޮތެވެ. ނަމަވެސް، އެ މެޗުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ވާދޫ ބަލި ނުކުރެވޭނެއެވެ.

ވާދޫ އަށް ރޭގެ މެޗުގައި ނަޝާހު އަހުމަދު ދެ ގޯލު ޖަހައިދިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މުސައްނިފު މުހައްމަދަށެވެ.

ރޭ ގދ އަތޮޅުގެ ދެވަނަ މެޗުގައި ގައްދޫ ވަނީ 1-0 އިން މަޑަވެލި ބަލިކޮށްފައެވެ. ގައްދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ރިފްޝާނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ރިޝްފާނެވެ.

ގއ. އަތޮޅު ބުރުގައިކަނޑުހުޅުދޫ ވަނީ 5-1 އިން ގެމަނަފުށި ޓީމު ބަލިކޮށްފައެވެ. އަދި އެ އަތޮޅު ދާންދޫ އާއި ދެއްވަދޫ ވާދަކުރި މެޗުވަނީ 2-2 އިން އެއްވަރުވެފައެވެ.

ކަނޑުހުޅުދޫގެ ގޯލުތައް ޖެހީ އަލީ އަޒްވާން ޢަބްދުލް އަޒީޒް ދެ ގޯލާއި އައްޒާމް ޢަލީ ދީދީ، އިސްމާޢިލް އަންވަރެވެ. އަދި ގެމަނަަަފުށީ ޓީމުގެ އަހުމަދު ޝާމް އަތުން ބައިކޮޅަށް ވަނީ ގޯލެއް ވަދެފައެވެ. ގެމަނަފުށީގެ ގޯލު ކާމިޔާބުކުރީ އާދަމް އަރީޝެވެ. ދާންދޫގެ ދެ ގޯލު ޖެހީ ޖާވިދު ޢަލީ އާއި އިސްމާޢީލް ނަސީރެވެ. ދެއްވަދޫގެ ގޯލުތައް ޖެހީ އަހުނަފް ރަޝީދާއި ލަމާން ޒުހައިރެވެ.

ތ. އަތޮޅުގައި ރޭ އޮމަދޫ އިން ވަނީ 5-3 އިން ކިނބިދޫ ބަލިކޮށް އަތޮޅު ފައިނަލުން ޖާގަ ހޯދައިފައެވެ. ގާދިފުށްޓާއި އޮމަދޫ އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން އޮމަދޫ ކުރިހޯދައި، ފައިނަލުގެ ޖާގަ ވަނީ ލިބިފައެވެ.

އޮމަދޫ ޓީމަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ މުޙައްމަދު އަލާއު ދެ ގޯލާއި އަހުމަދު ނަޝްވާނާއި އިސްމާއިލް މިމްރާހު މުއީންގެ އިތުރުން ކިނބިދޫގެ މުހައްމަދު އަނަސް އަތުން ބައިކޮޅަށް ޖެހި ގޯލެކެވެ. ކިނބިދޫގެ ގޯލުތައް ޖެހީ ޢަލީ ޝާމް، ޢަލީ ހަމްދޫން ހުސެއިން އަދި މުހައްމަދު ޝާފިއއެވެ.
ތ. އަތޮޅު ދެވަނަ ގްރޫޕްގެ އެއް ވަަނަ ހޯދައި ތިމަރަފުށިން ފައިނަލުގެ ޖާގަ ހޯދާފައިވާއިރު، ރޭގެ މެޗު ބުރުނީ އާއި ތިމަރަފުށްޓައް މުހިންމު ވެފައި އޮތީ މޮޅެއް ހޯދުމަށެވެ. މެޗުގައި ބުރުނީ ޓީމް ކުރިހޯދިއިރު، ލަނޑުތައް ޖެހީ މުހައްމަދު އިބްރާހިމާއި މުހައްމަދު ނާހިލް ނޫހެވެ. ވޭމަންޑޫގެ ހަަމައެކަނި ގޯލު ޖެހީ ހުސެއިން މައުމޫނެވެ.

މުބާރާތުގެ ކުޅުން މިރޭ ވެސް ކުރިޔަށްދާނެއެވެ. އެގޮތުން މުބާރާތުގައި މިރޭ ހަ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.