ޚަބަރު

ފުލުހުންގެ ރިޒާރވް ފޯހަށް އިތުރު 150 މީހުން ހޯދަނީ


ފުލުހުންގެ ރިޒާރވް ފޯސް، ސްޕެޝަލް ކޮންސްޓަބިއުލަރީއަށް 150 ފުލުހުން ހޯދުމަށް އިޢުލާނު ކޮށްފިއެވެ.ފުލުހުންގެ ރިޒާވް ފޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ފިރިހެނެއް ނަމަ އިސްކޮޅުގައި މަދުވެގެން 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ 5 ފޫޓް ހުންނަން ޖެހޭނެކަމަށް ފުލުހުންގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައިވެއެވެ. މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާއިގުޅޭ އެއްވެސް ރެކޯޑެއް ނެތުން ޝަރުތުކޮށްފައިވެއެވެ. ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ވެސް ޝަރުތުކޮށްފައިވެއެވެ.ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ފޯސް ޢާންމުގޮތެއްގައި ބޭނުންކުރަނީ ދައުލަތުގެ އެކި މުއައްސަސާތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށެވެ. އެގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތްތަކުގެ ސެކިއުރިޓީ މިހާރު ބަލަހައްޓަމުންދަނީ ސްޕެޝަލް ކޮންސްޓަބިއުލަރީ، ނުވަތަ ފުލުހުންގެ ރިޒާވް ފޯސް މެދުވެރިކޮށް ފުލުހުންގެ އިދާރާއިންނެވެ.