ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަނޑުގެ އެހީތެރިކަމާއިއެކު ހަނިމާދޫ ސްކޫލުގެ އައު ލައިބްރަރީ ހުޅުވައިފި


ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ.ހަނިމާދޫ ސްކޫލްގެ ދަރިވަރުން ބޭނުން ކުރާނެ އައު ލައިބްރަރީއެއް ތަރައްޤީކޮށް ބޭނުން ކުރަން ފަށައިފިއެވެ.

އެރަށު ސްކޫލުގެ ލައިބްރަރީ ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އެ ރަށު ޒުވާނުންގެ ޖަމްޢިއްޔާއިންނެވެ. މި މަޝްރޫޢުގެ ދަށުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތްހަރުގަނޑު ހިމަނައި، ސެން ކްލާސް ދަރިވަރުންނަށް ހާއްސަ ރީޑިންގ ކޯނާރއެއް ގާއިމްކުރުމުގެ އިތުރުން ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ވަނީ ހޯދާފައެވެ. މީގެ އިތުރުން އާންމުންގެ ފަރާތުން ހަދިޔާ ކުރި ފޮތާއެކު ޖުމްލަ 700 އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް އިތުރުކޮށްދެވިފައެވެ. މި ފޮތްތަކުގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަނެވުނު ފޮތެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ބުނި ގޮތުގައި، މިއީ ސްކޫލުގެ ލައިބްރަރީ ބޭނުންވާ ދަރިވަރުން އިތުރުވުމާއެކު އެ ދަރިވަރުންނަށް ލައިބްރަރީގެ ބޭނުން ކުރުމުގެ ފުރުސަތު ފުޅާކޮށް ދިނުމުގެ މަޤްޞަދުގައި ހިންގި މަޝްރޫއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ރައީސް ހުސައިން ވަހީދު ވިދާޅުވީ، އަލަށް ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް ކުދިން އިތުރަށް ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމްވެފަައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމްޢިއްޔާތަކުން މުޖުތަމައަށް ފައިދާކުރާނެ މަޝްރޫޢެެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތައް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބީއެމްއެލްއިން ވިދާޅުވިގޮތުގައި މިއަހަރު ފުރަތަމަ ކުއާޓަރގެ ހުށަހެޅުންތައް މިހާރު ލިބިފައިވެއެވެ. މިހާރު ކުރިއަށްދަނީ މި ހުށަހެޅުންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ.