ވިޔަފާރި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގުވެސް މައްޗަށް!


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން މިފްކޯއިން މަސްވެރިންނަށް ދޫކުރާ ޑިސަލްގެ އަގުވެސް އެކުންފުނިން ބޮޑުކޮށްފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާ މިދަނޑިވަޅުގައި މިފްކޯއިން ވިއްކާ ޑީސަލްގެ އަގަށް މިއަހަރު ބަދަލު ގެނައި މިއީ ދެވަނަ ފަހަރެވެ. އެގޮތުން މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 14.44ރ. އަށެވެ. އަދި އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 17.10ރ. އަށެވެ.

މިފްކޯއިން މިދިޔަ ފެބްރުއަރީ މަހުގެ އަގަށް ބަދަލު ގެނައިއިރު ޑީސެލް ލީޓަރެއް ވިއްކާފައިވަނީ 12.68ރ. އަށެވެ. އަދި އާންމުންނަށް ޑީސަލް ލީޓަރެއް އޭރު ވިއްކީ 15.00ރ. އަށެވެ. މިފްކޯއިން އަގަށް ބަަދަލުގެ ގެނެސްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ރާއްޖެއަށްވެސް އެތެރެ ކުރާ ތެލުގެ އުފުލިފައިވާކަން އެސްޓީއޯއިން ހާމަކޮށްފިވާ ދަނޑިވަޅެއްގައެވެ.

އެސްޓީއޯއިން މިހާރު ޑީސަލް ލީޓަރެއް ވިއްކަނީ 14.80ރ. އަށް ވިއްކާއިރު، ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60ރ. އަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށާފައިވަނީ ރަޝިޔާއާއި ޔޫކްރެއިން ދެމެދު މިވަގުތު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުންނެވެ. އޭގެ ސަބަބުން ހުޅަނގުގެ ޤައުމުތަކުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ރަޝިއާއިއެކު ތެލުގެ ވިޔަފާރި ދައްކުރުމަށް ވަނީ ނިންމާފައެވެ. މިއާއެކު މެދު އިރުމަތީގެ ޤައުމުތަކުން އަދި އެމެރިކާއިން އުފެއްދުންތެރިކަން އިތުރުކުރަން ޖެހުމުން ބާޒާރުގައި ތެލުގެ އަގަށް ބޮޑު ބަދަލުތަކެއް ވަނީ އައިސްފައެވެ.

މިވަގުތު ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑްގެ ސާފު ނުކުރާ ތެޔޮފީފާއެއް އުޅެނީ 118 ޑޮލަރުގައެވެ.