ޚަބަރު

ގުރައިދޫ މަރުކަޒުގައި ތިބި މީހުންގެ އެސެސްމަންޓްއެއް ހަދަންފަށައިފި


ކ.ގުރައިދުގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންގެ އެސެސްމަންޓްއެއް ހަދަން ފަށައިފިއެވެ.

މިއީ މިއހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޭޖް ކެއަރ މޯލްޑިވްސް އާއި ޖެންޑަރ މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. 1 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމް.އޯ.ޔޫގެ ދަށުން އެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅު ކޮށް ރައްކާތެރި ހިތްހަމަޖެހޭ މާހައުލެއް ގާއިމް ކުރާނެއެވެ. މި އެއްބަސްވުމުގެ ދަށުން މިހާރު ވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގައި ތިބި ބައެއް މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާގެ ފަރާތްތަކުގެ ލޮލުގެ ޗެކަޕެއް ހަދާފައެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ކެއަރގިވާރސް ގެ ހުނަރު އިތުރުކުރުމަށް، ކޮންމެ 4 މަހަކުން އެއްފަހަރު ތަމްރީން ހިންގުމާއި، ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި މަޝްވަރާކޮށް ފިޒިއޮތެރަޕީ/ ކަސްރަތު އަދި އެހެނިހެން ޙަރަކާތްތައް ޤަވާއިދުން ހިންގޭނެ ސްކެޑިއުލް ހެދުމުގައި އެހީތެރިވެދިނުން ވެސް މީގެތެރޭގައި ހިމެނެއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ރެކްރިއޭޝަންގެ ޙަރަކާތް ރޭވުމުގައި އެހީތެރިވެދިނުމުގެ އިތުރުން ޑައިޓީޝަނެއްގެ އެހީގައި ފައިދާހުރި ޑަޔަޓް ޕްލޭނެއް ހެދުން އަދި ކޮންމެ 3 މަހަކުން ރިވިއު ކުރުން ފަދަ ކަންކަން ވަނީ ހިމަނާފައެވެ.

މީގެ ކުރިން މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެފައިވަނީ މިފަދަ މަސައްކަތްތަކެއް ފެށުމަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތުގެ ފެންވަރު ރަނގަޅުވެ، އެމީހުން ބެލެހެއްޓުމަށް ތިއްބަވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ހަމަޖެހިފައިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިފަދަ ޕްރޮގްރާމަކީ ހުރިހާ ފަރާތްތަކަށްވެސް ނުހަނު ބޭނުންތެރި ޕްރޮގްރާމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.