ވިޔަފާރި

ސްރީލަންކަންގެ ދަތުރުތަކާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެކުނަށް ފަތުރުވެރިން!


ސްރީލަންކަން އެއާލައިންސްގެ ދަތުރުތަށް ގަމަށް ފެށުމަށްފަހު، މަންޓާ އެއަރގެ ކަނެކްޝަން ލިބުމާއެކު ދުނިޔޭގެ އެކި ސަރަހައްދުތަކުން ފަތުރުވެރިން އަންނަން ފަށާފައިވާ ކަމަށް އޭސް އެވިއޭޝަނުން ހާމަކޮށްފިއެވެ.

ސްރީލަންކަން އެއަރލައިންސްގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ފިރާޤް ވިދާޅުވީ، ފްލައިޓުތަކަށް ކެނެކްޝަން ލިބުނު މިއީ ދެވަނަ ހަފްތާ ކަމަށާ، ރޯމް، މަލްޕެންސާ، މެޑްރިޑް، ލަންޑަން، ފްރެންކްފާޓް، ދުބާއި އަދި ދޯހާއިންވެސް މިހާރު ފަތުރުވެރިން އަންނަ ފަށާފައިވާ ކަމަށެވެ. ފިރާޤް ވިދާޅުވީ ގިނަ މަންޒިލްތަކުން ފަތުރުވެރިން އައުމަކީ ރަނގަޅު އިޝާރާތެއް ކަމަށެވެ.

ފިރާޤް އިތުރަށް ވިދާޅުވި ގޮތުގައި އޭނާގެ އުއްމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި ބޭންކިންގް ޚިދުމަތާއި، ސިމް ކާޑް ލިބޭނެ އިންތިޒާމު އެއާޕޯޓުން ހަމަޖެހިގެން ދިއުން ކަމަށެވެ. އަދި މިވަގުތުވެސް އިދާރާތަކުން ފުރިހަމަ އެއްބާރުލުން ލިބޭކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އަދި މިހާރަށްވުރެވެސް ޚިދުމަތް ރަނގަޅު ކުރެވިދާނެ ކަމަށެވެ.

ސްރީލަންކަން އެއާލައިންސް މިވަގުތު ގަމަށް ޖައްސަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. ހޮނިހިރު ދުވަހު މެނދުރު ވަގުތެއްގައި ގަމަށް ފްލައިޓު ޖައްސާއިރު، މަންޓާއިން ހަމަ އެގަޑީގައި ލަންކާ ފްލައިޓުން އަންނަ ފަތުރުވެރިންނަށް ދެކުނުގެ އަތޮޅުތަކަށް ކަނެކްޝަން ފޯރުކޯށްދެއެވެ.

ސްރީލަންކަންއިން ހާމަކޮށްފައިވާ ގޮތުގައި މިމަސް ނިމޭހާތާގައި ހަފްތާއަކު ދެ ދަތުރަށް ސްރީލަންކަން ދަތުރުތައް އިތުރު ކުރެވޭނެއެވެ. އަދި ތިން ދަތުރަށް ބަދަލު ކުރުމުގެ މަޝްވަރާތައްވެސް ކުރިއަށްދާކަމަށް އެއެއަރލައިނުން ފާހަގަ ކުރެއެވެ.